"ކަށަވަރު ޕްރޮމޯ" ގެ ނަމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެމްޓީސީސީ ކަށަވަރު ޝޯރޫމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮމޯޝަން ލޯންޗުކޮށްދިނީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސެއިން މޫސާއެވެ. ކޯވިޑު-19އާ ގުޅިގެން އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު ފެށި މި ކެމްޕޭން މި އަހަރުގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ.
މި ޕްރޮމޯޝަން ޙާއްސަކުރެވިފައިވަނީ ފައިސާ ދައްކަވާ ތަކެތި ގަންނަ ފަރާތްތަކަށެވެ. އެގޮތުން މި ޕްރޮމޯގެ ދަށުން ޑިސްކައުންޓް ދެވޭ ޕްރޮޑަކްޓް ތަކަކީ ޔަންމާ އަދި ސުޒުކީ އިންޖީނުގެ ސްޕެއާރ ޕާރޓްސް، ކާސްޓްރޯލް އަޑީތެޔޮ، ޕީޕީޖީ ކޯޓިންގްސް، ސްކޮޓް ބާޑާ ފައިބަރު ސާމާނު، އިންޑަސްޓްރިއަލް ގޭސް އަދި މެރިން ލައިޓެވެ.
މި ޕްރޮމޯގެ މުއްދަތުގައި ކުރާ ކޮންމެ 5000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި ގުރުއަތުން ހޮވޭ ފަރާތަކަށް 89،000 ރުފިޔާގެ އަގުހުރި ސުޒުކީ 25 ހޯސްޕަވަރުގެ އިންޖީނެއް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
މި ކެމްޕޭނުގެ މުއްދަތުގައި ރޭވިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި، މާލޭ ބަނދަރު މަތީގައި އަޅާފައިވާ އޮޑިފަހަރަށް ޒިޔާރަތް ކުރުމާއި ކ. ތިލަފުއްޓާއި ކ. ގުޅި ސްލިޕްވޭ އާއި ކ. ހިންމަފުށްޓާއި ދިއްފުށީގެ ބޯޓު ޔާޑާއި ޑޮކް ޔާޑުތަކަށް ޒިޔާރަތް ކުރާނެއެވެ.