Last Updated: December 2, 22:38
Thursday, December 2, 2021
ޚަބަރު

ސަރުކާރުގެ ތިން އަހަރަށް ދޭނީ ޔޫ ޕްލަސްއެއް: ޝުޖާއު

މި ސަރުކާރުގެ ތިން އަހަރަށް ދޭނީ ޔޫ ޕްލަސްއެއް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަމުން ޝުޖާއު ވިދާޅުވީ މި ވެރިކަމުގެ ތިން އަހަރަށް ރިޕޯޓެއް ދޭނަމަ ދޭނީ ޔޫ ޕްލަސްއެއް ކަމަށެވެ. އެގޮތުން މި ވެރިކަމުގެ ތިން އަހަރުތެރޭ ކުރެވުނުހާ ވެސް ކަމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ނުހައްގުން ޖަލަށްލުން ކަމަށާއި އެކަން ކޮށްފައިވަނީ ފަނޑިޔާރުގެ އަށް އަތްބާނައިގެން ނުފޫޒު ފޯރުވައިގެން ކަމަށް ޝުޖާއު ވިދާޅުވި އެވެ.

އިންސާފު ގާއިމުކޮށްދިނުމަކީ އެމްޑީޕީގެ ވައުދެއް ނަމަވެސް ފެންނަނީ އެހެން މަންޒަރެއް ކަމަށާއި އެގޮތުން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރާނެ ކަމަށް ވައުދުވެ އެ ވާހަކަ ދައްކަމުން ވެރިކަމަށް އައިސް ތިން އަހަރުވީއިރު ވެސް އެކަން ނުކުރެވުނު ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ. އަދި އެކަން ކުރާނެ ކަމަށް މިހާރު ބުނަމުން އަންނަނީ 2023 ގައި ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.

މީގެއިތުރުން ޔާމީންގެ ވެރިކަމުގައި އެމަނިކުފާނަށް ބޭރު ގައުމުތަކުން ޕްރެޝަރު އައީ ރާއްޖޭގެ އިގްތިސާދު މިނިވަންކަން މަތީ ބޭއްވުމަށް ކުރި ބުރަ މަސައްކަތުގެ ސަބަބުން ކަމަށާއި ނަމަވެސް މިއަދު ރާއްޖޭގެ އިގްތިސާދު އޮތީ މުޅިން އެހެން ހާލަތެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު އިގްތިސާދު މިއޮތީ ތާހަކަށްލާ ތެލުލާލަ ތެލުލާލާ. އަންނަ ބަޔަކު ކައިގެން ދާންވީ ފައިސާ ދައްކާކަށް ނުޖެހޭ. އޮންނަ ރައްޓެހި ކަމަށްވެސް ކަންކަން ނިމިގެންދަނީ" ޝުޖާއު ވިދާޅުވި އެވެ.