Last Updated: April 25, 11:25
Thursday, April 25, 2024
ރިޕޯޓް

ތައުލީމަށް ސަރުކާރުން ކުރާ ބޮޑު ހޭދަ: އިމާރާތެއްގެ ސިފައިގަ ފެންނަން ނެތަސް ތަރައްގީގެ ބޮޑު މަޝްރޫއެއް

އެކަމަށް ކޮށްފައި ހުރި ހަރަދަކީ 25 ބުރީގެ އިމާރާތް ފަދައިން ގަނޑުކޮން، އުސްކޮށް ފެންނަން އިމާރާތެއް ނޫނެވެ. އަދި އެއީ މާލެ އާއި ހުޅުލެއާއި ގުޅާލާފައިވާ ބުރިޖް ފަދައިން ފެންނަން ހުރި ރީތި ދިގު މަގެއްވެސް ނޫނެވެ. އެހެން ނަމަވެސް މި ސަރުކާރުގެ ލޮލަށް ނުފެންނަ ތަރައްގީގެ ބޮޑު ހޭދައެއްކުރާކަން ތައުލީމީ ދާއިރާއިން ފެންނަ އެބަ އޮތެވެ. އަންނަ އަހަރުގެ ބަޖެޓްގައި އެކަނިވެސް 4.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ތައުލީމީ ދާއިރާއަށެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް ތައުލީމީ ދާއިރާއަށް ކަނޑައެޅި އެންމެ ބޮޑު ބަޖެޓެވެ.

ތައުލީމީ ދާއިރާއަށް ސަރުކާރުން ދޭ އަހައްމިއްޔަތުގެ ބޮޑުކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެކި ރަސްމިޔާތުގައި ދައްކަވާ ވާހަކަފުޅުން ހާމަވެ އެވެ. އެކަމަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން އިސްކަން ދެއްވައި ކުރައްވާފައިވާ ހޭދައިން ވެސް އެކަން ޔަގީންވެ އެވެ.

"މީހުން ބިނާކުރުމަކީ، ވޭތުވެދިޔަ ތިން އަހަރުގެ މައިގަނޑު މަޝްރޫޢުތަކުގެ، އެންމެ ވަރުގަދަ ބިންގާ. ތަޢުލީމާއި، ތަމްރީނާއި، ޞިއްޙަތަކީ ފުރިހަމަ ރައްޔިތަކު ބިނާކުރުމުގެ ނާރެސް. އެ ރައްޔިތުންގެ ޤާބިލުކަމާއި، އަރާ އަރަފޯދުމާއި، ކެރިފޯރުންތެރިކަން ބިނާވާނީ، މީހުން މީހުންނަށް ހަދައިގެން. ދިރުންހުރި މުޖުތަމަޢަކާއި، ޖޯރުހުރި އިޤްތިޞާދެއްގެ ފެށުމަކީ، ތަޢުލީމާއި ހުނަރު" ރައީސް ސޯލިހް ވިދާޅުވެފައިވެ އެވެ.

ހެނދުނު ނާސްތާ
ސަރުކާރުން ފާއިތުވި ތިން އަހަރުގެ ތެރޭގައި ވަނީ ހެނދުނު ނާސްތާ ޕްރޮގުރާމެއް ފަށާފަ އެވެ. ހެނދުނުގެ ނާސްތާ ނެތި އެންމެ ކުއްޖަކުވެސް ކިޔަވަން ސްކޫލުގައި ނީންނާނެކަން ކަށަވަރުކުރުމަށް ފެށި މި ޕްރޮގުރާމަކީ ނިކަމެތިންނަށް މުހިންމު މަޝްރޫއެކެވެ. އެ ޕްރޮގުރާމްގެ ދަށުން ފާއިތުވި ތިން އަހަރުގެ ތެރޭގައި 49000 ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދައުލަތުން ފޯރުކޮށްދިނެވެ. މިއީ ޜާއްޖޭގައި މުޅިން އަލަށް ފެށި ކަމަކަށްވާތީ މިކަމުން ކުރެވުނު ތަޖުރިބާއަށް ބެލުމަށްފަހު ބަދަލުތަކަކާއެކު އަލުން އެ ޕްރޮގުރާމް ފެށުމަށް އަންނަ އަހަރަށް ވަނީ ބަޖެޓްކުރުރެވިފަ އެވެ.

ހެނދުނުގެ ނާސްތާ އެންމެ ފުރަތަމަ ދިން ދުވަހު ސްކޫލެއްގެ ދަރިވަރުން ނާސްތާއަށް ތައްޔާރުވެފައި — ފޮޓޯ / އަވަސް

ހުރިހާ ކުދިންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ފަހިވެގެންދާ ބަޔަކަށް ހެދުމަށް މި ސަރުކާރުން ފެށި ނާސްތާ ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް ކުރިއަށްގެންދިއުމަށް އަންނަ އަހަރުގެ ބަޖެޓްގައި 135 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މިހާތަނަށް 224 މިލިޔަން ރުފިޔާ ނާސްތާ ޕްރޮގްރާމަށް ސަރުކާރުން ހޭދަކޮށްފައިވެ އެވެ.

ހިލޭ ޑިގްރީއަށް ކިޔަވާ 11000 ދަރިވަރުން
މަދަރުސީ ދައުރަށްފަހު މަތީ ތައުލީމް އުނގެނުމަށް އަމިއްލަ އަތުން މީގެ ކުރިން ރައްޔިތުން އަމިއްލަ އަތުން ގެންދިޔައީ ބޮޑު ހޭދައެއް ކުރަމުންނެވެ. އެހެން ނަމަވެސް ސަރުކާރުން ވަނީ އެކަން ނިމުމަށްކަށް ގެނެސް ރާއްޖޭގެ ކޮންމެ ކޮލެޖަކުން ވެސް ޑިގްރީއާ ހަމައަށް ހިލޭ ކިޔެވޭނެ އިންތިޒާމް ހަމަޖައްސާފަ އެވެ. ސަރުކާރުގެ ޚަރަދުގައި ހިލޭ ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު ދިން ދަރިވަރުންގެ އަދަދު މިހާތަނަށް 11000 އަށް ވަނީ އަރާފަ އެވެ. މަތީ ތައުލީމަށް ހިލޭ ކިޔެވޭ ފުރަތަމަ ފަހަރުކަމަށްވާއިރު މިއީ މިގޮތައް ސަރުކާރަކުން ކުރާ އެންމެ ބޮޑު އެއް ހޭދަ އެވެ. މި ހޭދައަކީ ފޮޓޯ ނެގޭ ގޮތައް ހުރި އުސް އިމާރާތަކަށް ނުވިއަސް މިއީ ބޮޑު އެހާމެ މުހިންމު ހޭދައެކެވެ. ހިލޭ ޑިގްރީ އަށް 2019 ވަނަ އަހަރު 73.6 މިލިއަން ރުފިޔާ އަދި މިދިޔަ އަހަރު 132.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ތައުލީމީ ދާއިރާގެ އިމްރާނީ ތަރައްގީއަށް ކުރާ އެންމެ ބޮޑު ހޭދަ
ރާއްޖޭގެ ސްކޫލްތަކުގެ ޖާގައިގެ މައްސަލަ ހައްލުކޮށްދިނުމަށް އުމްރާނީ މަސައްކަތްތަކަށްވެސް ބޮޑު ހޭދައެއް މިހާތަނަށް ސަރުކާރުން ކޮށްފައިވާއިރު މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ކޮށްފައިވާ އެ ހޭދައަކީ އޭގެ ކުރީ ސަރުކާރުގެ ފަސް އަހަރާ ނުބައްދަލު ހޭދަ އެކެވެ.

އެގޮތުން ސަރުކާރަށް ތިން އަހަރުވީއިރު މިހާތަނަށް 1068 ކްލާސްރޫމް އެޅުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ. އޭގެ އިތުރުން
66 މަލްޓި-ޕަރޕަސް ހޯލް ހަދަމުންދާ ކަމަށް ސަރުކާރުން ހާމަކުރި އަދަދުތަކުން އެނގެ އެވެ.

ސްކޫލުތަކުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް މިހާރު ހިނގަމުންދާ ބައެއް މަސައްކަތައް:
– އހ އަތޮޅު ތައުލީމީ މަރުކަޒުގެ އޮފީސް އަދި 12 ކްލާސްރޫމް
– ށ.ފޯކައިދޫގެ 12 ކްލާސްރޫމްގެ ތިން ބުރީގެ އިމާރާތާއި މަލްޓި ޕާޕަސްހޯލް
– އައްޑޫ ހައި ސްކޫލްގެ 12 ކްލާސްރޫމް އިމާރާތް
– ފުވައްމުލަކު، މުހައްމަދު ޖަމާލުއްދީން ސްކޫލްގެ 16 ކްލާސްރޫމާއި ކޮމްޕިއުޓަރ ލެބް އިމާރާތް
– ހދ.ހަނިމާދޫ ސްކޫލް 24 ކްލާސްރޫމް ހޯލް އިމާރާތް

މީގެ އިތުރުންވެސް ސްޓޫޑަންޓް ލޯންގެ އިންޓްރެސްޓް ދަށްކުރުމަކީ ވެސް ސަރުކާރުން އެޅި މުހިންމު ފިޔަވަޅެކެވެ. އެގޮތުން
ފަސް ޕަސެންޓުން ތިން ޕަސަންޓަށް ސްޓޫޑެންޓް ލޯނުގެ އިންޓަރެސްޓް ވަނީ ކުޑަކޮށްފަ އެވެ. ހަމައެއާއެކު އެއް ދަންފަޅިއަށް ކިޔަވައިދިނުމަށްޓަކައި 156 ސްކޫލެއްގައި ޕައިލެޓް ޕްރޮގުރާމް ވަނީ ފަށާފަ އެވެ.

ތައުލީމީ ދާއިރާއިން ފާހަގަކޮށްލެވޭ ބައެއް ކަންކަން:
• 30 ސްކޫލެއްގައި ތިބި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އިންކްލޫސިވް އެޑިއުކޭޝަން ދޭން ފެށުން
• ފުވައްމުލައް ސިޓީގެ 2 ސްކޫލެއްގައި އިންކްލޫސިވް އެޑިއުކޭޝަން ޔުނިޓް ގާއިމުުކުރުން
• ކުޅުދުއްފުށި ސިޓީގައި އިންކްލޫސިވް އެޑިއުކޭޝަން ޔުނިޓް ގާއިމުކުރުން
• 214 ސްކޫލެއްގެ އިންކްލޫސިވް ކޯޑިނޭޓަރުން ތަމްރީނުކުރުން

ރާއްޖޭގެ ތައުލީމީ ދާއިރާއަށްކުރާ މި ހޭދަ ތަކަކީ އާއްމުކޮށް ފެންނަން ނުހުންނަ އެއްޗަކަށް ވިއަސް މިއީ ދިގު ދެމިގެންދާ ގޮތައް ގައުމު މުސްތަގުބަލަށް ސަރުކާރުންކުރާ ބޮޑު ހޭދަ އެކެވެ.