Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

އިސްލާމީ އުންމަތް ވަނީ ޔާމީން ފަދަ ލީޑަރުންނަށް ބޭނުންވެފައި: އަދުރޭ

ކުރީގެ ރައީސް އަބްދުالله ޔާމީން އަދި އަބްދުއްރަހީމް އަބްދުالله - ފޮޓޯ: ސަން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަދަ ލީޑަރުންނަށް އިސްލާމީ އުންމަތް ބޭނުންވެފައިވާ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

މިއަދު ފުވައްމުލަކު ސިޓީގައި އިދިކޮޅުން ބޭއްވި ހިނގާލުމުގެ ތެރެއިން އަދުރޭ ވިދާޅުވީ ޔާމީނަކީ ހަމައެކަނި ރާއްޖޭގައި ހުރި އެންމެ ވަރުގަދަ ލީޑަރު ނޫން ކަމަށާއި އެގޮތުން މިވަގުތު ދުނިޔޭގައި ތިއްބެވި އެންމެ ވަރުގަދަ ދެ އިސްލާމީ ލީޑަރުންގެ ތެރޭގައި ވެސް ޔާމީން ހިމެނޭ ކަމަށެވެ. އަނެއް ލީޑަރަކީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާން ކަމަށް އަދުރޭ ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެންގެ މުޅި ދުނިޔެ، އިސްލާމީ އުންމަތް ބޭނުންވަނީ އުރުދުޣާން އާއި ރައީސް ޔާމީން ފަދަ ލީޑަރުންނަށް" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ މިއީ ރާއްޖެ ދުށް އެންމެ އަނިޔާވެރި ސަރުކާރު ކަމަށާއި މި ސަރުކާރުން އަނިޔާތައް ދެމުންދާއިރު ވެސް ޔާމީން އިސްކުރެއްވީ ގައުމު ކަމަށެވެ. އަދި ޔާމީން ފިޔަވައި ގައުމު ދެކެ ލޯބިވާ، ދިވެހި ލޭ ހިނގާ އެއްވެސް އެހެން ސިޔާސީ ލީޑަރެއް ނެތް ކަމަށާއި ގައުމު އަނބުރާ ހޯދައި މިނިވަންކަން ދިފާއުކުރަން ޔާމީން މިނިވަން ކުރަންޖެހޭ ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

ފުވައްމުލަކުގައި މިއަދު ހަވީރު ބޭއްވި އެއްވުމަކީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭރުކުރުމަށް ގޮވާލާ ބޭއްވި ހިނގާލުމެކެވެ. މި ހިނގާލުމުގައި އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕްގެ ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވެފައިވެއެވެ.

މީގެއިތުރުން އިންޑިއާގެ އަސްކަރީ ފަރާތްތަކާއި ވަސީލަތްތައް ދިވެހި ބިމުން ބޭލުމަށް އިންޑިއާ ސަރުކާރަށް ގޮވާލާ ޕެޓިޝަނެއް ވެސް ތައްޔާރުކުރަން އިދިކޮޅުން ވަނީ ފަށާފައެވެ.