Last Updated: April 26, 18:02
Friday, April 26, 2024
ކުޅިވަރު

ޗެލްސީ އަށް އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލެސްޓަ ސިޓީ އަތުން 3-0 އިން މޮޅުވެ ޗެލްސީން ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓަށް ލީޑު ފުޅާކޮށްފި އެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ޗެލްސީ އޮތީ 29 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 23 ޕޮއިންޓާ އެކު މެންޗެސްޓަރ ސިޓީ އޮތްއިރު މިއަދު ބަލިވި ލެސްޓާ އޮތީ 15 ޕޮއިންޓާ އެކު ލީގުގެ 13 ވަނައިގަ އެވެ.

ލެސްޓާގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ 14 ވަނަ މިނެޓްގައި އެންޓޯނިއޯ ރުޑިގާ ވަނީ ޗެލްސީ އަށް ލީޑު ނަގާދީފައެވެ. ރުޑިގާ މި ގޯލު ކާމިޔާބުކުރި ލެސްޓާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. އަދި މެޗުގެ 28 ވަނަ މިނެޓްގައި ލެސްޓާގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުން އެންގޯލޯ ކަންޓޭ ވަނީ ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޗެލްސީން ނިންމާލިއިރު ދެވަނަ ހާފްގައި ވެސް ޗެލްސީން ދިޔައީ ލެސްޓާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ޒިޔެކް ދިން ޕާހަކުން މެޗުގެ 71 ވަނަ މިނެޓްގައި ކްރިސްޓިއަން ޕުލިސިޗް ވަނީ ޗެލްސީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ލެސްޓާގެ ފަރާތުން ދަށް ކުޅުމެއް މި މެޗުގައި ފެނިގެންދިޔައިރު ޗެލްސީގެ ގޯލަށް އެޓީމުން އެންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލީ އަމާޓޭ އެވެ. އެގޮތުން އަމާޓޭ ފޮނުވާލި އެ ހަމަލާ ޗެލްސީގެ ކީޕަރު މެންޑީ ވަނީ ދިފާއުކޮށްފަ އެވެ.

ލީގުގައި ޗެލްސީން ދެން ބައްދަލުކުރާނީ މެންޗެސްޓަރ ޔުނައިޓެޑާ އެވެ. ލެސްޓާ ނިކުންނާނީ ވޮޓްފޯޑްއާ ދެކޮޅަށެވެ.