Last Updated: April 24, 06:02
Wednesday, April 24, 2024
ކުޅިވަރު

ޔުނައިޓެޑްގެ ކޯޗުކަމުން ސޯލްޝެއާ ވަކިކޮށްފި

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމުން އޮލެ ގުނަ ސޯލްޝެއާ ވަކިކޮށްފި އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާގޮތުން ސޯލްޝެއާ ވަކިކުރަން ޔުނައިޓެޑުން ނިންމީ މިރޭ ބޭއްވި އެ ކްލަބުގެ ކުއްލި ބޯޑު ބައްދަލުވުމެއްގަ އެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ޕްރިމިއާ ލީގުގައި މިރޭ 4-1 އިން ވޮޓްފޯޑް އަތުން ޔުނައިޓެޑް ބަލިވެފައިވަނިކޮށެވެ.

ސޯލްޝެއާ ވަކިކުރުމަށްފަހު ޔުނައިޓެޑްގެ ކޯޗުކަން ވަގުތީ ގޮތުން ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އެ ކްލަބަށް ކުރިން ކުޅުނު އަދި އެ ކްލަބުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު އަދާކުރަމުންދާ ޑަރެން ފްލެޗާއާއެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ ސޯލްޝެއާ ހަވާލުވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ޔުނައިޓެޑާއެކު ސޯލްޝެއާ ހޭދަކުރި ފުރަތަމަ ފުލް ސީޒަނުގައި އެޓީމު ތިންވަނައިގައި އޮވެ ލީގު ނިންމިއިރު ޖެހިގެން އައި ސީޒަނުގައި އެޓީމު ލީގު ނިންމީ ދެވަނައިގަ އޮވެ އެވެ. ނަމަވެސް މި ސީޒަނުގެ ލީގުގައި 12 މެޗު ކުޅެ ނިމުނުއިރު ޔުނައިޓެޑް އޮތީ 17 ޕޮއިންޓާ އެކު ލީގުގެ ހަތްވަނައިގަ އެވެ. ޔުނައިޓެޑާއި ލީގުގެ އެއްވަނައިގައި އޮތް ޗެލްސީއާ ދެމެދު 12 ޕޮއިންޓުގެ ފަރަގެއް މިހާރު އެބައިނެވެ.

މި ސީޒަނަށް ޔުނައިޓެޑް ނިކުތީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ރަފޭލް ވަރާން އާއި ޖޭޑަން ސަންޗޯ މެންފަދަ ކުޅުންތެރިންނާއެކު ސްކޮޑު އިތުރަށް ވަރުގަދަ ކުރުމަށްފަހު އެވެ. ނަމަވެސް ލީގުގައި އެންމެފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެޓީމަށް މޮޅެއް ހޯދުނީ އެންމެ މެޗަކުން ކަމަށްވާއިރު ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ.

ސޯލްޝެއާގެ އިރުޝާދުގެ ދަށުން ކުޅެ ޔުނައިޓެޑުން މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ފައިނަލަށް ދަތުރުކޮށްފައިވެ އެވެ. ނަމަވެސް ފައިނަލްގައި ވިޔަރެއާލް އަތުން ޔުނައިޓެޑް ވަނީ ބަލިވެފަ އެވެ.