Last Updated: April 26, 15:02
Friday, April 26, 2024
ކުޅިވަރު

ޒަވީގެ ފުރަތަމަ މެޗުން ބާސާ މޮޅުވެއްޖެ

އާ ކޯޗު ޒަވީ ހަނާންޑޭޒްގެ ކޯޗުކަމުގައި ބާސެލޯނާ އިން ކުޅުނު ފުރަތަމަ މެޗުން ރޭ ސްޕެނިޝް ލީގުގައި އެސްޕަނިޔޯލްގެ އަތުން 1-0 އިން މޮޅުވެއްޖެ އެވެ.

މި މޮޅާއެކު ބާސާ އޮތީ 20 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގަ އެވެ. އެސްޕަނިޔޯލް އޮތީ 17 ޕޮއިންޓާ އެކު ލީގުގެ 11 ވަނައިގަ އެވެ. އެއްވަނައިގައި 28 ޕޮއިންޓާ އެކު އޮތީ ރެއާލް ސޮސިއެޑާޑް އެވެ.

ބާސާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ދެވަނަ ހާފްގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މެމްފިސް ޑެޕާއި އެވެ. މި ގޯލަށްފަހު ބާސާ އަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު އެސްޕަނިޔޯލް އަށް ވަނީ ނަތީޖާ އެއްވަރުކޮށްލަން ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފަ އެވެ.

އެގޮތުން ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެސްޕަނިޔޯލްގެ ރައުލް ފޮނުވާލި ހިލޭޖެހުމެއް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު އޭނާ ފަހުން ބޮލުން ފޮނުވާލި ހަމަލާއެއް ވެސް ވަނީ ގޯލުގެ ދަނޑި އަށް އަމާޒުވެފައިވެ އެވެ. އަދި އެސްޕަނިޔޯލްގެ ޑިމާޓާ އަށް މެޗުގެ ފަހުކޮޅު ހުސް ފުރުސަތެއް ލިބި ބޭކާރުވެފައިވެއެވެ.

ބާސާގެ ކޯޗުކަން ޒަވީއާ ހަވާލުކުރީ އެ މަގާމުގައި ހުރި ރޮނަލްޑް ކޫމަން މަގާމުން ވަކިކުރުމަށްފަހު އެވެ. ބާސާގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން ޒަވީ ހުރީ ގަތަރުގެ އަލް ސާދުގެ ކޯޗުކަމުގެ މަގާމުގަ އެވެ.