Last Updated: December 2, 22:38
Thursday, December 2, 2021
ވިޔަފާރި

އެމްޑަބްލިއުއެސްސީން ރެކޯޑު އަދަދަކަށް ފެނާއި ނަރުދަމާގެ މަޝްރޫއު

ފާއިތުވި ތިން އަހަރު، ރެކޯޑް އަދަދަކަށް ފެނާއި ނަރުދަމާގެ މަޝްރޫއު ހިންގާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.

ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތް، އާބާދީގެ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަކީ މިސަރުކާރުގެ މުހިންމު ވައުދެކެވެ. އެ ވައުދު ފުއްދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ކުންފުނީގެ ހައިސިއްޔަތުން އެމްޑަބްލިޔުއެސްސީން އަން ދަނީ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.

އެމްޑަބްލިޔުއެސްސީން ބުނިގޮތުގައި ފާއިތުވި ތިން އަހަރުގެ ތެރޭގައި އެކުންފުނިން ވަނީ 31 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފަ އެވެ. މި ހުރިހާ މަޝްރޫއުއަކީ ވެސް ސަރުކާރުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުތަކެކެވެ.

އެ މަޝްރޫއުތަކުގެ ތެރޭގައި 23 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު، ހަ ރަށެއްގެ ފެނުގެ ނިޒާމު އަދި ދެ ރަށެއްގެ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ހިމެނެ އެވެ. އަދި އެ ހުރިހާ މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ކުރަމުންދާ އިރު، ބައެއް މަޝްރޫއުތަކުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފަ އެވެ.

ޖުމުލަ 1.8 ބިލިއަން ރުފިޔާގެ މި މަޝްރޫއުތަކުގެ ދަށުން 3000 އަށްވުރެ ގިނަ ގެއަށް ފެނާއި ނަރުދަމާގެ ގުޅުން ގުޅައި ދެވޭނެ އެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، އެ ކުންފުނިން ކުރިން މަސައްކަތް ފަށާފައިވާ އއ. ރަސްދޫ ފެނުގެ ނިޒާމާއި ޅ. ކުރެންދޫ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އެއްކޮށް ނިންމައި އެ ދެ މަޝްރޫއު ސަރުކާރާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއުތަކުގެ ސަބަބުން ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތްތަކުން ރަށްރަށަށް ފާގަތިކަން ލިބިގެންދާނެ ކަމަށާއި ރަށްރަށުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބި އަދި ވެށީގެ ރައްކާތެރިކަމާއި އިޖުތިމާއީ އިގުތިސާދީ ކުރިއެރުމާއި އަދި ރަށް ރަށުގައި ވަޒީފާގެ އިތުރު ފުރުސަތުތަ ފަހިވެގެންދާނެ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުންޏެވެ.