Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

ޔާމީން ޖަލަށް ބަދަލުކުރުމާ މެދު ގޮތެއް ނުނިންމަން: ކަރެކްޝަންސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ބަދަލުކުރުމާމެދު ވަކި ގޮތެއް އަދި ނުނިންމާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ. ޔާމީން ގޭ ބަންދަށް ބަދަލުކުރީ ކ.މާފުށީގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދިޔުމާ ގުޅިގެންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވީ ކޮވިޑާއި ގުޅިގެން ޔާމީން ހިމެނޭ ގޮތަށް 54 މީހަކު ގޭ ބަންދަށް ބަދަލުކުރި ކަމަށާއި އެ ފަރާތްތައް ޖަލަށް ބަދަލުކުރުމާމެދު ވަކި ގޮތެއް އަދި ނުނިންމާ ކަމަށެވެ. ނަމަވެސް އެ ފަރާތްތައް މޮނީޓާ ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އޭގެތެރެއިން ފަސް މީހަކު އަލުން އަނބުރާ ފަސް މީހަކު ޖަލަށް ގެންގޮސްފައިވާ ކަމަށް އަހުމަދު ވިދާޅުވި އެވެ. ނަމަވެސް އެމީހުން ޖަލަށް ގެންދިޔަ ސަބަބެއް ވިދާޅެއް ނުވެ އެވެ.

ގޭ ބަންދުގައި ހުންނެވި ޔާމީން ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އިދިކޮޅުން ބޭއްވި މުޒާހަރާއެއްގައި ކުޑަދޮރުން ބޭރުލައްވަން ހުންނަވައި އެ މުޒާހަރާގައި ބައިވެރިވި އިދިކޮޅު ސަޕޯޓަރުންނަށް ހިތްވަރު ދެއްވާފަ އެވެ. އެއީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށް ޔާމީން ކުރެއްވި ކަމަކަށްވާތީ އެކަމާ ގުޅިގެން ކަރެކްޝަންސް އިން ވަނީ ޔާމީނަށް ނަސޭހަތް ދެއްވާފަ އެވެ.