Last Updated: May 1, 20:45
Wednesday, May 1, 2024
ކުޅިވަރު

ޔުނައިޓެޑާއި ޗެލްސީ ޗެމްޕިއަންސް ލީގުގެ އަނެއް ބުރަށް

މެންޗެސްޓާ ޔުނައިޓެޑާއި، ޗެލްސީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޖާގަ ކަށަވަރުކޮށްފި އެވެ.

މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ޗެލްސީ އަނެއް ބުރުން ޖާގަ ކަށަވަރުކުރީ ޔުވެންޓަސްގެ މައްޗަށް 4-0 އިން ކުރި ހޯދައިގެންނެވެ. ރޭގެ މެޗުގައި ޗެލްސީގެ ހަތަރު ގޯލު ކާމިޔާބުކޮށްދިނީ ޓްރެވާ ޗަލޯބާ އާއި ރީސް ޖޭމްސް އާއި ހަޑްސަން އޮޑޯއިގެ އިތުރުން ޓިމޯ ވާނާ އެވެ.

ބާކީ މެޗެއް އޮއްވައި ޗެލްސީ އަނެއް ބުރުގެ ޖާގަ ޔަގީންކުރީ ކުޅުނު ފަސް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޔުވެންޓަސް އަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު އެޓީމު ވެސް ވަނީ މުބާރާތުގެެ ދެވަނަ ބުރުން ޖާގަ ހޯދާފަ އެވެ. ޗެލްސީ އަށް އެއްވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ.

ވަގުތީ ކޯޗު މައިިކަލް ކެރިކްގެ އިރުޝާދުގެ ދަށުން ކުޅެ ޔުނައިޓެޑުން ދެވަނަ ބުރުން ޖާގަ ހޯދީ ރޭ ވިޔަރެއާލްގެ މައްޗަށް 2-0 އިން ކުރި ހޯދައިގެންނެވެ.

ރޭގެ މެޗުގެ ބޮޑު ބައެއްގައި ވިޔަރެއާލް އިން ރަނގަޅަށް ކުޅުނުއިރު އެޓީމުން ވަނީ ޔުނައިޓެޑްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ވެސް ފޮނުވާލާފަ އެވެ. ނަމަވެސް އެ ހަމަލާތައް ދިފާއުކުރުމުގައި ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ.

ޔުނައިޓެޑްގެ ކުޅުން ރަނގަޅު ވެގެން ދިޔައީ ދެވަނަ ހާފްގައި ބްރޫނޯ ފަނާންޑޭސް އާއި މާކަސް ރަޝްފޯޑް އެރި ހިސާބުންނެވެ. އެގޮތުން މެޗުގެ 78 ވަނަ މިނެޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޔުނައިޓެޑަށް ލީޑު ނަގައިދިން އިރު ކައުންޓަ އެޓޭކެއްގައި ޔުނައިޓެޑްގެ ދެވަނަ ގޯލު ޖެހީ ޖޭޑަން ސަންޗޯ އެވެ. މިއީ ޔުނައިޓެޑަށް ބަދަލުވިފަހުން ސަންޗޯ އެ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.