ރައްޔިތުންގެ މަޖިލީހުން އަންނަ އަހަރަށް ފާސްކުރި ބަޖެޓަކީ ރާއްޖެ ބަނގުރޫޓު ވުމުގެ ބިރުއޮތް، ރައްޔިތުން ނިކަމެތިވެ ދަރީންގެ ދަރީންގެ ބޮލުގައި ބޮޑު ދަރަންޏެއް އެޅިގެންދާނެ ބަޖެޓެއް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.
އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ މަޖިލީހުން އަންނަ އަހަރަށް ފާސްކުރި 36.9 ބިލިއަން ރުފިޔާގެ ބަޖެޓަކީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ރޭވިފައިވާ ބަޖެޓެއް ކަމަށާއި 9.7 ބިލިއަން ރުފިޔާއިން ދަރަނި މިބަޖެޓަކީ މިހާތަނަށް ހުށަހެޅި ބަޖެޓްތަކުގެ ތެރެއިން އެންމެ ދަރަނި ބޮޑު ބަޖެޓު ކަމަށެވެ.
"މި ވެރިކަމުގެ 5 އަހަރު ނިމޭއިރު ދިވެހި ދައުލަތުގެ ދަރަނި ހުންނާނީ 100 ބިލިއަން ރުފިޔާއަށް ވުރެ މަތީގައެވެ. ލިބެން ހުރި ހިސާބުތަކަށް ބަލައި މިހާތަނަށް ލަފާ ކުރެވޭ ގޮތުގައި މި ވެރިކަމުގެ 5 އަހަރު ދުވަހުގެ މުއްދަތުގައި ދައުލަތުގެ ދަރަނި 50 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެގެންދާނެ އެވެ. ދައުރު ނިމޭއިރު ޖީޑީޕީގެ ނިސްބަތުން ދިވެހި ރާއްޖޭގެ ދަރަނި ހުންނާނީ 105 އިން ސައްތައަށްވުރެ މަތީގައެވެ" އެ ބަޔާނުގައި ވެ އެވެ.
އިދިކޮޅުން ބުނީ ސަރުކާރުން ޒިންމާދާރުކަން ކުޑަ ގޮތަކަށް ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާ އިޤްތިސާދު ފުނޑާލުމަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ރައްޔިތުންނަށް ދޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ. އަދި މިއީ ސީދާ ރައްޔިތުން ނިކަމެތި ކޮށްލުމަށްފަހު 2023 ގެ ރިޔާސީ އިންތިޚާބަށް ސަރުކާރުން ބޭނުންވާގޮތަށް ސިޔާސީ ކަންކަންކޮށް ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ރޭވިފައިވާ ބަޖެޓެއް ކަމަށްވެސް އިދިކޮޅުން ތުހުމަތު ކުރެއެވެ.
މީގެއިތުރުން ބަޖެޓްގައިވާ ފައިސާގެ އިސްރާފުގެ ބޮޑުބައެއް ޚަރަދު ކުރުމަށް ރާވާފައިވަނީ އެމްޑީޕީގެ ވެރިންނާއި ސިޔާސީ ވަޒީފާތަކާއި މިފަދަ ނާޒުކު ހާލަތެއްގައި އުފައްދަން ނުޖެހޭ ބޮޑެތި ޚަރަދު ހިނގާ ސިޔާސީ އަދި ސިޔާސީ ނުފޫޒު ފޯރުވާފަދަ އިދާރާތައް އިތުރުކޮށްގެން ކަމަށްވެސް އިދިކޮޅުން ބުނެއެވެ.
އަންނަ އަހަރުގެ ބަޖެޓް ފާސްކުރުމަށްޓަކައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ނައިބު ރައީސް އީވާ ޢަބްދުﷲ އަދި ކޯލިޝަންއަށް ނިސްބަތްވާ ބައެއް އިސް ބޭފުޅުން ބައިވެރިނުވުމަކީ ވަރަށް ޒިއްމާދާރުކަން ކުޑަ ޙީލަތްތެރި ޢަމަލެއް ކަމަށްވެސް އިދިކޮޅުން ބުނެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސް މެމްބަރުން ބަޖެޓަށް ވޯޓު ނުދިނީ ސަރުކާރުން ހުށައެޅިގޮތަށް އިންތިހާއަށް ދަރަނި ބޮޑުބަޖެޓެއް، ދަރީންގެ ދަރީންގެ ބޮލުގައި އެޅޭގޮތަށް ފާސްކުރަން ވޯޓު ދިނުމަކީ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބެ ކުރާން ހެޔޮވާވަރުގެ ކަމަކަށް ނުވާތީ ކަމަށްވެސް އިދިކޮޅުން ބުނެފައިވެއެވެ.