Last Updated: October 1, 14:18
Sunday, October 1, 2023
ޚަބަރު

ދައުވާ ކުރިޔަސް އިސްތިއުފާ ނުދޭނަން: މަހުލޫފް

މިނިސްޓަރު އަހުމަދު މަހުލޫފް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ދައުވާކުރި ނަމަވެސް މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

‎މަހުލޫފްގެ މައްޗަށް ދައުވާ ކޮށްފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު ގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާއެވެ.

އެކަމާ ގުޅިގެން މަހުލޫފް މިރޭ ވިދާޅުވީ މިއީ ކަނޑައެޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމްގެ ވަރަށް ޒާތީ ނިންމުމެއް ކަމަށެވެ. މަހުލޫފް ވަނީ ޕީޖީ ޝަމީމް އާއި ޔޫތް މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުންނެވި އަޒްމޫން އާއި ދެމެދު ދައްކާފައިވާ ޗެޓްލޮގުތަކެއް ވަނީ ހާމަކުރައްވާފައެވެ.

"ޝަމީމްގެ ފޮތުގައި އޮންނަގޮތުން ދައުވާ ކުރުމަށް ނިންމަނީ އަޅުގަނޑު "ފުއްޕާވަރަށް އަދި ސައިޒުވާ" މިންވަރުގެ މައްޗަށް" މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ ދައުވާކުރި ނަމަވެސް އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. އަދި ކޯޓުގައި ހަގީގަތް ސާފުވާނެ ކަމަށްވެސް މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފްގެ މައްޗަށް ދައުވާ ކުރާ ސަބަބެއްގެ ގޮތުން ޕީޖީ އޮފީހުން ބުނެފައިވަނީ މަހުލޫފް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުރިއިރު، 27 އޮގަސްޓު 2014 ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުޤާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މީނާއަށް ދިން 33،000 ޑޮލަރު މީނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް 01 ސެޕްޓެންބަރު 2014 ދުވަހު ޖަމާކޮށް، ރިޝްވަތު ހިފާފައިވާ ކަމަށެވެ.

މިމައްސަލައިގައި ދައުވާ ކުރުމާމެދު ގޮތެއް ނިންމުމަށް، އޭސީސީން ޕީޖީއަށް މައްސަލަ ފޮނުވުމުން މަހުލޫފް މަގާމުން ސަސްޕެންޑް ކޮށްފައިވެއެވެ. އެހެންނަމަވެސް ދައުވާ ކުރުމާމެދު ގޮތެއް ނުނިންމި ގިނަ ދުވަސްވުމުން މަހުލޫފްގެ ސަސްޕެންޝަން އުވާލާ މަސައްކަތަށް ނެރެފައިވެއެވެ.