Last Updated: July 6, 22:22
Sunday, July 6, 2025
ޚަބަރު

އެމްޑީޕީ ދުވަހަކު ވެސް ނުރޫޅޭނެ: ބޮންޑޭ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)-- ފޮޓޯ/ މަޖިލިސް

އެމްޑީޕީ އަކީ ދުވަހަކު ވެސް ރޫޅޭނެ ޕާޓީއެއް ނޫން ކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

ރޭ ސަންގުޓީވީގައި ވާހަކަދައްކަވަމުން ބޮންޑޭ ވިދާޅުވީ އެމްޑީޕީ އަކީ ވަރުގަދަ ޑިމޮކްރެޓިކް ޕާޓީއެއް ކަމަށާއި އެގޮތުން އެތެރޭގައި ފާޑުކިޔުން އޮންނާނެ ކަމަށެވެ. އަދި އެފަދަ ވާހަކަތަކަކީ އެމްޑީޕީ ރޫޅޭނެ ވާހަކަތަކެއް ކަމަށް ބަޔަކު މީހުން ދެކުމަކީ ކުށްހީއެއް ކަމަށް ބޮންޑޭ ވިދާޅުވި އެވެ.

"އެމްޑީޕީ އަކީ ދުވަހަކު ވެސް ރޫޅޭނެ ޕާޓީއެއް ނޫން. އެއަށް ވުރެ ބޮޑަށް ރާއްޖޭގައި އެމްޑީޕީގެ އާންމު މެމްބަރުން އިންތިހާ އަށް ގުރުބާނީ ވެގެން މިއަދު މި ފެންނަ ކުރިއެރުމެއް ލިބިގެން މި އުޅެނީ" ބޮންޑޭ ވިދާޅުވި އެވެ.

މީގެއިތުރުން އެމްޑީޕީން ރައްޔިތުން ކުރި މަސައްކަތާއި ގުރުބާނީ ބޮލާލާއި ޖަހައި ރޫޅިގެން ނުދާނެ ކަމަށްވެސް ބޮންޑޭ ވިދާޅުވި އެވެ.

ބޮންޑޭ މިހެން ވިދާޅުވި އިރު ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވެއެވެ. އެގޮތުން އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވަރަށް ފާޅުގައި ސަރުކާރަށް ފާޑުކިޔުންތައް ވެސް އަމާޒުކޮށްފައިވެ އެވެ.

ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބަށްފަހު ދެ ފެކްޝަންގެ މެދުގައި ބަހުގެ ހަމަލާތައް ފާޅުގައި ބަދަލުކުރުން ވަނީ މަދުވެފައެވެ.