Last Updated: April 25, 10:28
Thursday, April 25, 2024
ކުޅިވަރު

ޕީއެސްޖީ ބަލިކޮށް ސިޓީ ދެވަނަ ބުރަށް، ޑޯޓްމަންޑް ކަޓައިފި

2-1 އިން ޕީއެސްޖީ ބަލިކުރުމަށްފަހު ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން މެންޗެސްޓަރ ސިޓީ ޖާގަ ހޯދިއިރު މުބާރާތުން ބްރޫޝިއާ ޑޯޓްމަންޑް ކަޓައިފި އެވެ.

ބާކީ މެޗެއް އޮއްވައި ސިޓީ އަނެއް ބުރުގެ ޖާގަ ޔަގީންކުރީ ކުޅުނު ފަސް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޕީއެސްޖީއަށް 8 ޕޮއިންޓު ލިބިފައިވާއިރު އެޓީމު ވެސް ވަނީ މުބާރާތުގެެ ދެވަނަ ބުރުން ޖާގަ ހޯދާފަ އެވެ.

ސިޓީގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް ސިޓީން ވަނީ މި ހާފުގައި ގޯލްޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ސިޓީން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ޕީއެސްޖީގެ ޑިފެންޑަރުންނާއި އެޓީމުގެ ކީޕަރު ނަވާސްގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ.

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މެޗުގެ 50 ވަނަ މިނެޓްގައި ކިލިއަން އެމްބާޕޭ ވަނީ ޕީއެސްޖީ އަށް ލީޑު ނަގާދީފަ އެވެ. ނަމަވެސް މެޗުގެ 63 ވަނަ މިނެޓްގައި ރަހީމް ސްޓާލިން ވަނީ ސިޓީ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި ގޯލަށްފަހު ސިޓީން ޕީއެސްޖީގެ ގޯލަށް ނުރައްކާ ކުރަމުންދިޔައިރު މެޗުގެ 76 ވަނަ މިނެޓްގައި އެޓީމަށް ލީޑު ނަގައިދިނީ ގެބްރިއަލް ޖީސެސް އެވެ.

މުބާރާތުން ޖަރުމަނުގެ ޑޯޓްމަންޑް ކެޓީ ރޭ ސްޕޯޓިން ލިސްބަންގެ އަތުން 3-1 އިން ބަލިވުމާ ގުޅިގެންނެވެ. މި މެޗުގައި ސްޕޯޓިންގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ޕެރެއިރާ އެވެ. އަނެއް ގޯލު ކާމިޔާބުކޮށްދިނީ ޕޮރޯ އެވެ. ޑޯޓްމަންޑްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މާލެން އެވެ.

ރޭގެ މެޗުން ބަލިވުމުން ޑޯޓްމަންޑް އޮތީ ހަ ޕޮއިންޓާ އެކު ގްރޫޕް ސީ ގެ ތިންވަނައިގަ އެވެ. ދެވަނައިގައި 9 ޕޮއިންޓާ އެކު ސްޕޯޓިން އޮތްއިރު އެއްވަނައިގައި 15 ޕޮއިންޓާ އެކު އޮތީ އަޔެކްސް އެވެ. ގްރޫޕްގެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި އޮތީ ބެސިކްޓަސް އެވެ. ގްރޫޕްގައި ބާކީ އެއް މެޗު އޮތް ނަމަވެސް އެ މެޗުން މޮޅުވި ނަމަވެސް ޑޯޓްމަންޑަށް ހެޑް ޓު ހެޑުން ދެން ސްޕޯޓިންގެ މައްޗަށް ކުރި ނުހޯދޭނެ އެވެ.