Last Updated: December 2, 22:38
Thursday, December 2, 2021
ޚަބަރު

ކޮރަޕްޝަނަށް "ޒީރޯ ޓޮލަރެންސް" އެކަމު ދައުވާ ކުރުމުންވެސް މިނިސްޓަރުކަމުގަ؟!

މިނިސްޓަރު އަހުމަދު މަހުލޫފް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މައްޗަށް ދައުވާ ކުރުމުން އޭނާ މަގާމުން ވަކިނުކޮށް ބަހައްޓަވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަނީ ކޮރަޕްޝަނާ ދެކޮޅަށް "ސީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ސިޔާސަތެއްވެސް އިއުލާންކޮށްފަ އެވެ. ނަމަވެސް އިއްޔެ މަހްލޫފުގެ މައްޗަށް ދައުވާކޮށްފައިވާއިރު މިހާތަނަށްވެސް މަހްލޫފު މަގާމުން ވަކިކުރައްވާފައެއްނުވެ އެވެ.

އަދި އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒުް ފޯނަށް ޖަވާބު ނުދޭތީ އާއި މެސެޖްކުރުމުންވެސް އެކަމާ ގުޅޭ ގޮތުން ޖަވާބެއް ނުދޭތީ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން މަހްލޫފުގެ މައްޗަށް ދައުވާ ކުރުމުން ސަރުކާރުގެ ސިޔާސަތާ އެއްގޮތައް ކަމަށްބުނެ އޭނާ މަގާމުން ސަސްޕެންޑްކޮށްފައިވެ އެވެ. ނަމަވެސް ފަހުން އޭނާގެ ސަސްޕެންޝަންވެސް ސަރުކާރުން ވަނީ އުވާލާފަ އެވެ.

މި ސަރުކާރުގެ ފުރަތަމަ ދުވަހުވެސް، ކޮރަޕްޝަން ހުއްޓުވުމުގެ ސިޔާސަތުތަކެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިއުލާން ކުރައްވާފަ އެވެ. އަދި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ “ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން” ކަމަށާއި ސަރުކާރުގެ ކޮންމެ މަޤާމެއްގައި ހުރި މީހަކު ނަމަވެސް ކޮރަޕްޝަންގެ ޢަމަލެއް ހިންގުމަށް ފުރުޞަތު ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މީގެކުރިން ވިދާޅުވެފައިވާ ވިދާޅުވެފައިވެ އެވެ.

މަހްލޫފަށް ދައުވާކުރަން ފޮނުވި މައްސަލަ ތަހްގީގުކޮށްފައިވަނީ ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް އެކުލަވާލި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި ފުލުހުންނާއި އާއިއެންޓި-ކޮރަޕްޝަން ކޮމިޝަނުން ހިންގި ތަޙުޤީޤުގައި ފަހު ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

މަހުލޫފްގެ މައްޗަށް ދައުވާ ކުރާ ސަބަބެއްގެ ގޮތުން ޕީޖީ އޮފީހުން ބުނެފައިވަނީ މަހުލޫފް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުރިއިރު، 27 އޮގަސްޓު 2014 ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުޤާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މީނާއަށް ދިން 33،000 ޑޮލަރު މީނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް 01 ސެޕްޓެންބަރު 2014 ދުވަހު ޖަމާކޮށް، ރިޝްވަތު ހިފާފައިވާ ކަމަށެވެ.