Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

އަންގާރަ ދުވަހު ޔާމީން މިނިވަން ވާނެ: ޣައްސާން

ގައްސާން މައުމޫން - ފޮޓޯ: މަޖިލިސް

އަންނަ އަންގާރަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޔާމިންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލް ކުރުމަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި ހުކުމް އިއްވުން އަންނަ އަންގާރަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.

ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންނަ އަންގާރަ ދުވަހު ނުފޫޒު ފޯރުވުމާއި އަނިޔާވެރިކަމުގެ މިސްރާބު ބަދަލުވެ ޔާމީން މިނިވަންވާނެ ކަމަށެވެ. އަދި ޓީވީގެ ޒަރިއްޔާއިން މުޅި މި މައްސަލަ ބެލި ރައްޔިތުންނަށް ޔާމީން ކުށެއް ނުކުރައްވާކަން އޮތީ ސާބިިތުވެފައި ކަމަށްވެސް ޣައްސާން ވިދާޅުވި އެވެ.

މަނީލޯންޑަރިންގެ ކުށުގައި ޔާމީން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019 ނޮވެމްބަރު މަހު 28 ވަނަ ދުވަހުއެވެ. އެ ހުކުމަށް ހައިކޯޓުން ވެސް ތާއިދުކޮށްފައިވާއިރު ހައިކޯޓުގައި އެ ހުކުމް އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވަނީ މިދިޔަ މަހު އެވެ. ނަމަވެސް މައްސަލަ ބަލަމުންދަނިކޮށް އިތުރު ކަމެއް ފާހަގަ ކުރުމަށްޓަކައި އިތުރު އަޑުއެހުމެއް މި މަހުގެ 18 ވަނަ ދުވަހު ބާއްވާފައިވެ އެވެ.

ޔާމިންގެ ދިފާއީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ.މުހައްމަދު ޖަމީލް އަހްމަދު މިއަދު ފޭސްބޫކް ވިދާޅުވެފައިވަނީ މި މަހުގެ 30 ވަނަ ދުވަހުގެ 8.45ގައި ރައީސް ޔާމިންގެ މައްސަލައިގައި ހުކުމްކުރުމަށް ބާއްވާ ޝަރީއަތައް ހާޒިރުވުމަށް ކޯޓުން ޗިޓް ލިބިފައިވާ ކަމަށެވެ.

ރައީސް ޔާމިނަށް ފަސް އަހަރުގެ ޖަލު ހުމެއް ކޮށްފައިވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަން ދޫކުރި ގއ.ވޮޑަމުލާ ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން 1 މިލިއަން ޑޮލަރު ހޯއްދަވާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާގެ އަސްލު އޮޅުވާލި ކުށް ސާބިތުވުމުންނެވެ.