ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ގޭބިސީތަކުން ކުނި ނަގާ ވަގުތު ބަދަލުކުރުމަށް ނިންމާފައިވާކަމަށް ވެމްކޯ އިން ބުނެފިއެވެ.
ވެމްކޯއިން ބުނީ ޑިސެމްބަރު އެއްވަނަ ދުވަހުން ފެށިގެން މި ސަރަހައްދުގެ ގޭބިސީތަކަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ކޮންމެ ދުވަހެއްގެ 18:00އިން 23:00އާ ދެމެދު ކަމަށެވެ. އަދި ހަވީރު 17:00 އިން ފެށިގެން، ކުނި ކޮތަޅު ނެގޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސުމަށް ވެމްކޯއިން ވަނީ އެދިފައެވެ.
ވެމްކޯ އިން ބުނީ ކުނި ނެގުމުގެ ޚިދުމަތްތަކަކީ ރެޖިސްޓަރ ކޮށްފައިވާ އަދި ބިލަށް ފައިސާ ދައްކާ ފަރާތްތަކަށް ދޭ ޚިދުމަތްތަކެއް ކަމަށެވެ. އެގޮތުން ވެމްކޯގެ ޚިދުމަތާ ނުގުޅި ތިބި ހުރިހާ ކަސްޓަމަރުން، ވީ އެންމެ އަވަހަކަށް ކުނި އުކާލުމުގެ ޚިދުމަތަށް ރެޖިސްޓަރ ކުރުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.
ޚިދުމަތަށް ރަޖިސްޓަރ ކުރުމަށް އެދޭ ކަސްޓަމަރުން ވެމްކޯގެ ވެބްސައިޓް www.wamco.com/online އަށް ޒިޔާރާތްކުރުމަށް ފަހު ޚިދުމަތަށް އެދެވޭނެއެވެ.
މާލެ ސަރަހައްދުގެ ގޭބިސީތަކުން ކުނި އުކާލުމުގެ ޚިދުމަތްތަކަށް ވަނީ 15 ސެޕްޓެމްބަރުން ފެށިގެން ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން ހުޅުމާލޭގެ އަވަށްތައް ހިމެނޭގޮތަށް، އިމާރާތުގެ އެތެރެއިން ވަކި ފަންގިފިލާތަކުން ކުނި ނެގުމުގެ ޚިދުމަތް ވެމްކޯއިން ވަނީ ދޭންފަށާފައެވެ.