Last Updated: December 2, 22:38
Thursday, December 2, 2021
ޚަބަރު

ބްރޯޑްކާސްޓަރުންނަށް މާލީ އެހީ ދޭން ޓްރަސްޓް ފަންޑެއް ގާއިމުކުރަނީ

ބްރޯޑްކާސްޓަރުންނަށް މާލީ އެހީ ފޯރުކޮށްދޭން ޓްރަސްޓް ފަންޑެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވެއްޖެ އެވެ.

މަރިޔަމް ވަހީދާ މިހެން ވިދާޅުވީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިންތިޒާމުކުރި "ބްރޯޑްކާސްޓަރސް ފޯރަމް" ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގަ އެވެ.

މަރިޔަމް ވަހީދާ ވިދާޅުވި ގޮތުގައި މި ފަދަ ފޯރަމެއް ބޭއްވުމުގެ މައިގަނޑު މަޤުސަދަކީ ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ކުރިމަގު އުޖާލާކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަތުމާއި، މި ދާއިރާއިން އިތުރު ކުރިއެރުންތައް ހޯދުމަށް ކޮމިޝަނާއި ބްރޯޑްކާސްޓަރުން ގުޅިގެން ކުރިއަށްދާނެ ގޮތްތައް ދެނެގަތުމެވެ.

މި ވޭތުވެދިޔަ ދެ އަހަރު ދުވަހު ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި، އެތައް ގޮންޖެހުންތަކެއް ހުރުމާއެކުވެސް ބްރޯޑްކާސްޓަރުން ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި އަދާކުރައްވާފައިވާ ޒިންމާ ފާހަގަކުރައްވައި، ބްރޯޑްކާސްޓަރުންގެ ކުރިއެރުމާއި ތަރައްޤީއަށް ކޮމިޝަނުން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ކޮމިޝަންގެ ރައީސް ދެއްވިއެވެ.

ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް މަގުފަހިކުރުމަށާއި ބްރޯޑްކާސްޓަރުންނަށް މާލީ އެހީއާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށް ޓްރަސްޓް ފަންޑެއް ޤާއިމްކުރުމުގެ މަސައްކަތް ކޮމިޝަނުން ކުރަމުންދާކަމުގައިވެސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންނަށް ދަޢުވަތު ދިން މި ފޯރަމްގައި ބައިވެރިވެފައިވާ ބްރޯޑްކާސްޓަރުންނަކީ، ޕަބްލިކް ސަރވިސް މީޑިއާ، ވީ މީޑިއާ، މޯލްޑިވްސް ބިޒްނަސް ނެޓްވާރކް، އެމް.ވީ. ޓީ.ވީ، ޗެނަލް 13، އަލްކައުން، ނެކްސްޓް ޓީވީ، ޗެނަލް އޯޝަން، ދަރިވަރު ޗެނަލް އަދި ދާރިސް ޓީވީއެވެ.