Last Updated: July 8, 14:46
Tuesday, July 8, 2025
ޚަބަރު

ނިޒާމީ ވޯޓާ މެދު އީސީން ނުވިސްނާ: ފުއާދު

ފުއާދު ތައުފީގު - ފޮޓޯ: ރައީސް އޮފީސް

އަންނަ އަހަރު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައަޅަން ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހިދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނުވިސްނާ ކަމަށް އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ފުއާދު މިހެން ވިދާޅުވިއިރު ނިޒާމީ ވޯޓު ނަގަން ޖެހިދާނެ ކަމަށް ބަލައި މީހުން ހޭލުންތެރިކުރަން ޖެހޭ ކަމަށާއި އެ ކަމަށް ބަޖެޓެއް ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން ރޭ ރާއްޖެޓީވީގައި ވާހަކަދައްކަމުން ފުއާދު ވިދާޅުވީ ކޮމިޓީގައި ހާމަކުރެއްވީ އެ ބައްދަލުވުމަށް ވަޑައިގެންނެވި ބޭފުޅުންގެ ވިސްނުމުގައި ހުރި ކަންތައްތަކެއް ކަމަށާއި އެއީ ކޮމިޝަނުން ވިސްނާ ކަމެއް ނޫން ކަމަށެވެ.

"އެއްގޮތަކަށް ވެސް އަދި އިލެކްޝަންސް ކޮމިޝަނުން ރަސްމީ ގޮތެއްގައި ނުވިސްނާ މި އަންނަ އަހަރު ނިޒާމީ ވޯޓެއް ނަގަން ޖެހިދާނެ ކަމަކަށް" ފުއާދު ވިދާޅުވި އެވެ.

ނިޒާމީ ވޯޓެއް ނަގަން ޖެހިއްޖެނަމަ އެކަމަށް ބޭނުންވާ ބަޖެޓް ފިނޭންސް މިނިސްޓްރީން ދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އެންމެ ބޮޑަށް ވަކާލާތު ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދެވެ. އެގޮތުން ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ދާދިފަހުން ނަޝީދު ވަނީ ސިޔާސީ އެކި ޕާޓީތަކާ އެކު މަޝްވަރާ ކުރައްވާފަ އެވެ. ނަމަވެސް ޕާޓީތަކުން އެކަމަށް ދެކޮޅު ހަދަމުންދާތީ ނަޝީދުގެ މަސައްކަތްޕުޅަށް މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.