ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މި ސަރުކާރުން އަނިޔާ ކުރަނީ އިންޑިއާ ކުރިމަތީ ކުޑަކަކޫ ނުޖެހުމުން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ރޭ އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ ޔާމީނަކީ މި ގައުމުގެ މިނިވަންކަން ގުރުބާން ކުރައްވާނެ ބޭފުޅެއް ނޫން ކަމަށާއި ޔާމީނަކީ ދިވެހިން ގޮވައިގެން މިނިވަންކަމާއެކު ގައުމެއް ބިނާކުރެއްވުމުގެ ފެންވަރާއި ތަޖުރިބާ ހުންނެވި ބޭފުޅެއް ކަމަށެވެ.
"މިއަދު ރައީސް ޔާމީން އެ އަނިޔާ ތަހައްމަލު ކުރަން ޖެހިގެން މި އުޅެނީ މި ދެންނެވި ސަބަބަށްޓަކާ. އަވަށްޓެރި އިންޑިއާގެ ކުރިމަތީގައި ރައީސް ޔާމީން ކުޑަކަކޫ ނުޖެއްސެވީމަ" އަދުރޭ ވިދާޅުވި އެވެ.
ޔާމީންގެ ވެރިކަމުގައި އިންޑިއާ އިން ބޭނުންވާހާ ގޮތަކަށް ގައުމުގެ ސިޔާސަތު ބައްޓަން ނުކުރެއްވުމުން އެ ވެރިކަން ނިންމަން އިންޑިއާ އިން ނިކުތް ކަމަށާއި މި ސަރުކާރަށް ވެރިކަމަށް އާދެވިފައިވަނީ އިންޑިއާގެ އެހީތެރިކަމާއެކު ކަމަށް އަދުރޭ ވިދާޅުވި އެވެ. ނަމަވެސް މަކަރާއި ހީލަތުން ހޯދާ ވެރިކަމެއް ދެމި ނޯންނާނެ ކަމަށާއި އަބަދުވެސް ނަސްރު ލިބޭނީ ހައްގަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރައްޔިތުން ތިބީ ހައްގު މަގުގައި ކަމަށާއި އެގޮތުން އިދިކޮޅުން ކުރަމުން އަންނަނީ ގައުމީ ޖިހާދެއް ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި އެ ޖިހާދު ނިންމާނީ ކާމިޔާބު ހޯދުމަށްފަހު ކަމަށާއި ވެރިކަމުގައި މިހާތު ތިބި ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.