ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ވަކިގޮތަކަށް ނިމޭނެ ކަމަށް ނުބުނަން އެމަނިކުފާނުގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އެދިވަޑައިގެންފި އެވެ.
ޔާމިންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލް ކުރުމަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި ހުކުމް އިއްވުން އަންނަ އަންގާރަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.
އެކަމާ ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ އަންނަ އަންގާރަ ދުވަހު ނުފޫޒު ފޯރުވުމާއި އަނިޔާވެރިކަމުގެ މިސްރާބު ބަދަލުވެ ޔާމީން މިނިވަންވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޓީވީގެ ޒަރިއްޔާއިން މުޅި މި މައްސަލަ ބެލި ރައްޔިތުންނަށް ޔާމީން ކުށެއް ނުކުރައްވާކަން އޮތީ ސާބިިތުވެފައި ކަމަށްވެސް ޣައްސާން ވިދާޅުވި އެވެ.
ޣައްސާންގެ އެ ވާހަކަތަކާ ގުޅިގެން ރޭ "ޗެނަލް 13" އަށް ދެއްވި އިންޓަވިއުއެއްގައި ޖަމީލު ވިދާޅުވީ އެފަދަ ވާހަކައެއް ދެއްކުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށާއި އަދި އެފަދަ ވާހަކައެއް ދައްކައިގެން ވެސް ނުވާނެ ކަމަށެވެ.
"އެއްވެސް ކޯޓަކުން ނިންމާ މައްސަލައެއް ނިންމޭނީ ވަކި ގޮތަކަށޭ، މިވެނި ގޮތަކަށް ނިންމިދާނެއޭ އެފަދަ ގޮތަކަށް ވާހަކަދެއްކުމަކީ ހަގީގަތުގައި ކޯޓުގެ ހުރުމަތް ކަނޑާލުމުގެ އަމަލަކަށް ވެސް ވެގެން ހިނގައިދާނެ. އެއީ ކަންބޮޑުވާ ކަމެއް" ޖަމީލު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރި ސަބަބު ވަރަށް ސާފު ކަމަށާއި އެއީ ކްރިމިނަލް ކޯޓާއި ހައިކޯޓުން ވެސް މައްސަލަ ނިންމެވުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ޖަމީލު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެދޭގޮތް އެއީ ސިއްރު ގޮތެއް ނޫން. އަޅުގަނޑުމެން ހުކުމް ގަބޫލު ނުކުރާތީ ހުކުމް އިސްތިއުނާފު ކޮށްފައި އެއޮތީ. އެއަށްފަހު އަޅުގަނޑުމެންނަށް އޮތީ މަސައްކަތް ކުރުން. އެމަސައްކަތްކޮށް ނިމިއްޖެ. ދެން އޮތީ އަޅުގަނޑުމެން މިކަމަށްޓަކައި ދުއާ ކުރުން. ރައީސް ޔާމީނަށް ހެޔޮ އެދިވަޑައިގަންނަވާ އެތައް ހާސް ރައްޔިތުންނެއް އެދުއާ އެބަކުރައްވާ. އެއްވެސް ފަރާތަކަށް ނޭނގޭނެ ހުކުމް އޮންނާނެ ގޮތެއް. އަދި އެފަދަ ވާހަކައެއް ދެއްކުމަކީ ޒިންމާދާރު ގޮތެއް ނޫން. އެކަމަށް ވަރަށް ނުރުހުން ފާޅުކުރަން" ޖަމީލު ވިދާޅުވި އެވެ.
މަނީލޯންޑަރިންގެ ކުށުގައި ޔާމީން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019 ނޮވެމްބަރު މަހު 28 ވަނަ ދުވަހުއެވެ. އެ ހުކުމަށް ހައިކޯޓުން ވެސް ތާއިދުކޮށްފައިވާއިރު ހައިކޯޓުގައި އެ ހުކުމް އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވަނީ މިދިޔަ މަހު އެވެ. ނަމަވެސް މައްސަލަ ބަލަމުންދަނިކޮށް އިތުރު ކަމެއް ފާހަގަ ކުރުމަށްޓަކައި އިތުރު އަޑުއެހުމެއް މި މަހުގެ 18 ވަނަ ދުވަހު ބާއްވާފައިވެ އެވެ.
ރައީސް ޔާމިނަށް ފަސް އަހަރުގެ ޖަލު ހުމެއް ކޮށްފައިވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަން ދޫކުރި ގއ.ވޮޑަމުލާ ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން 1 މިލިއަން ޑޮލަރު ހޯއްދަވާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާގެ އަސްލު އޮޅުވާލި ކުށް ސާބިތުވުމުންނެވެ.