Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ޔުނައިޓެޑްގެ ވަގުތީ ކޯޗަކަށް ރަންގްނިކް

މެންޗެސްޓަރ ޔުނައިޓެޑްގެ ވަގުތީ ކޯޗަކަށް ރަލްފް ރަންގްނިކް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ޔުނައިޓެޑްގެ ކޯޗުކަން ހުސްވީ އެ މަގާމުގައި ހުރި އޮލެ ގުނަ ސޯލްޝެއާ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. ޔުނައިޓެޑުން އެންމެފަހުން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ވިޔަރެއާލްއާ ދެކޮޅަށް 2-0 އިން މޮޅުވި މެޗުގައި ޓީމަށް އިރުޝާދު ދިނީ އެސިސްޓެން ކޯޗު މައިކަލް ކެރިކް އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އުމުރުން 63 އަހަރުގެ ރަންގްނިކް ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވާނީ ހަ މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުން ދެ އަހަރު ދުވަހަށް ޔުނައިޓެޑްގެ ފުޓްބޯޅަ ކޮންސަލްޓަންޓެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރަންގްނިކް މި ވަގުތު ހުރީ ރަޝިއާގެ ކްލަބް، ލޮކޮމޯޓިވް މޮސްކޯގެ ހެޑް އޮފް ފުޓްބޯލް ޑިވެލޮޕްމަންޓްގެ މަގާމުގަ އެވެ. އެ މަގާމު ދޫކޮށް ޔުނައިޓެޑްގެ ވަގުތީ ކޯޗަކަށް އަންނަން ރަންގްނިކް އަނގަބަހުން އެއްބަސްވުމަކަށް މިހާރު ވަނީ އައިސްފަ އެވެ. ޔުނައިޓެޑުން މިހާރު އަންނަނީ ރަންގްނިކްގެ ރިލީސް ހޯދުމަށް ލޮކޮމޯޓިވް މޮސްކޯ އާއެކު މަޝްވަރާތައް ކުރަމުންނެވެ.

ރަންގްނިކް ވަނީ ޖަރުމަނުގެ މަޝްހޫރު ކްލަބްތައް ކަމަށްވާ ޝާލްކާ އާއި ސްޓުޓްގާޓް އާއި ހޮފެންހައިމްގެ އިތުރުން ރެޑްބުލް ލައިޕްޒިގުގައި މަސައްކަތްކޮށްފަ އެވެ. އޭނާ ވަނީ 2011 ވަނަ އަހަރު ޝާލްކާ އަށް ޖަރުމަނު ކަޕް ޗެމްޕިއަންކަން ހޯދައިދީފަ އެވެ.

ޕްރިމިއާ ލީގުގައި މި ހަފްތާގައި ޔުނައިޓެޑުން ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ. ނަމަވެސް އެ މެޗުގައި ޓީމަށް އިރުޝާދު ދޭނީ ރަންގްނިކްގެ ބަދަލުގައި ކެރިކް އެވެ.