Last Updated: April 27, 06:22
Saturday, April 27, 2024
ދުނިޔެ

ކޮވިޑްގެ އާ ވެރިއަންޓާއެކު އަނެއްކާވެސް ދުނިޔެ ހުއްޓުމަކަށް

ދެކުނު އެފްރިކާ އިން ފެނުނު ކޮވިޑް-19 ގެ އާ ވެރިއަންޓާއެކު ގައުމުތަކުން އަނެއްކާވެސް ބޯޑަރުތައް ބަންދުކުރަން ފަށައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުން އެފްރިކާ އިން ފެނުނު މި ވޭރިއަންޓަކީ މީގެކުރިން ފެނިފައިވާ ވޭރިއަންޓްތަކާ މުޅިން ތަފާތު ވޭރިއަންޓެކެވެ. އެގޮތުން ސައިންޓިސްޓުން ލަފާކުރާ ގޮތުގައި މިއީ ކޮވިޑުގެ އެންމެ ނުރައްކާތެރި ވޭރިއަންޓަށް ވުމުގެ ބިރު އެބައޮތެވެ.

މި ވޭރިއަންޓުގެ ސަބަބުން ކުރާނެ އަސަރު ދެނެގަންނަން އަދި ހަފްތާތަކެއް ނަގާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ބުނެފަ އެވެ.

ޑަބްލިއުއެޗްއޯ އިން ހާމަކުރާ ގޮތުގައި އާ ވޭރިއަންޓުގެ ގާތްގަނޑަކަށް 100 ކޭސް މިހާތަނަށް ވަނީ ފެނިފައެވެ. އެންމެ ގިނައިން ކޭސްތައް ފެނިފައި ވަނީ ސައުތު އެފްރިކާ އިން ކަމަށްވީ ނަމަވެސް ހޮން ކޮންގް، އިޒްރޭލް އަދި ބޮޓްސްވާނާ އިން ވެސް ވަނީ ކޭސްތަކެއް ފެނިފަ އެވެ.

އާ ވޭރިއަންޓާއެކު އެފްރިކާގެ ބައެއް ގައުމުތަކުގެ ފްލައިޓުތައް އިނގިރޭސިވިލާތާއި ޖަޕާން އަދި ނެދަލޭންޑްސް އިން ވަނީ ހުއްޓުމަކަށް ގެނެސްފަ އެވެ. އޭގެ ތެރޭގައި ދެކުނު އެފްރިކާ، ބޮޓްސްވާނާ، ނެމީބިއާ، ޒިމްބާވުވޭ، އީސްވާތީ އަދި ލެސޯތޯ ހިމެނެ އެވެ.

މީގެއިތުރުން އަވަށްޓެރި އިންޑިއާ އިން ވަނީ ދެކުނު އެފްރިކާ، ބޮޓްސްވާނާ އަދި ހޮންކޮންގް އިން އަންނަ ފަރާތްތައް ޓެސްޓު ކުރުމާއި ސްކްރީން ކުރުން އިތުރަށް ވަރުގަދަ ކުރަން ނިންމާފަ އެވެ.