Last Updated: April 25, 22:42
Thursday, April 25, 2024
ދުނިޔެ

ކޮވިޑުގެ އައު ވޭރިއަންޓް ޔޫރަޕުން ފެނިއްޖެ

ކޮވިޑް-19 ގެ އައު ވޭރިއަންޓް ޔޫރަޕްގެ ގައުމަކުން ފުރަތަމަ ފަހަރަށް ފެނިއްޖެ އެވެ.

މި ވޭރިއަންޓް ފެނުނު ފުރަތަމަ ޔޫރަޕްގެ ގައުމަކީ ބެލްޖިއަމް އެވެ. ބެލްޖިއަމްގެ ސިއްހީ ފަރާތްތަކުން ބުނާގޮތުގައި އާ ވޭރިއަންޓް ފެނިފައިވަނީ މިސްރުން އެނބުރި ބެލްޖިއަމް އަށް އައި މީހެއްގެ ފަރާތުންނެވެ.

ދެކުނު އެފްރިކާއިން ފުރަތަމަ ފެނުނު ކޮވިޑުގެ މި އައު ވޭރިއަންޓުގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރުތައް އަނެއްކާވެސް ބަންދުކުރަން ވަނީ ނިންމާފައެވެ. އެގޮތުން، ސިންގަޕޫރާއި އިނގިރޭސިވިލާތުން ވަނީ ދެކުނު އެފްރިކާއާއި، އަވަށްޓެރި ގައުމުތަކުން އަންނަ ފްލައިޓްތައްވެސް ކެންސަލްކޮށްފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ވަނީ މި ވޭރިއަންޓާގުޅޭ އިތުރު ދިރާސާތައް ކުރަން ފަށާފައެވެ. މިއީ ކުރިން މިއުޓޭޓްވި ވޭރިއަންޓުތަކަށްވުރެ ވަރުގަދަ ވޭރިއަންޓަކަށްވުމުން ވެކްސިންގެ އަސަރު ކުޑަވެދާނެކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ކޮވިޑުގެ މި އައު ވޭރިއަންޓަށް އެހެން ނަމެއް ދޭން ޑަބްލިއު.އެޗް.އޯއިން ވަނީ ނިންމާފައެވެ. މީގެ ކުރިންވެސް ކޮވިޑުގެ އެހެނިހެން ވޭރިއަންޓުތަކަށް 'ޑެލްޓާ' ނުވަތަ 'ބީޓާ' ފަދަ ނަންތައް އެ އިދާރާއިން ވަނީ ދީފައެވެ.