Last Updated: April 25, 12:03
Thursday, April 25, 2024
ދުނިޔެ

އާ ވޭރިއަންޓާ އެކު ޑަބްލިއުއެޗްއޯގެ އިންޒާރެއް

ދެކުނު އެފްރިކާ އިން ފެނިގެން އުޅޭ ކޮވިޑް-19 ވޭރިއަންޓަކީ ކަންބޮޑުވުން އޮތް ވޭރިއަންޓެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ކަނޑައަޅައިފި އެވެ.

ޑަބްލިއުއެޗްއޯ އިން ނެރުނު ބަޔާނެއްގައި ބުނީ މި ވޭރިއަންޓްގެ ނަމަކީ "އޮމިކްރޮން" ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި މިއީ ކޮވިޑް-19 ކުރިން ޖެހިފައި ތިބި މީހުންނަށް ވެސް ޖެހޭ ވޭރިއަންޓެއް ކަމަށް ލަފާކުރެވޭއިރު މިއީ ފަސޭހައިން އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ފެތުރެމުންދާ ވޭރިއަންޓެއް ކަމަށްވެސް ޑަބްލިއުއެޗްއޯ އިން ބުނެ އެވެ.

ޑަބްލިއުއެޗްއޯ އިން ވަނީ މިހާރު އުފައްދާފައިވާ ކޮވިޑް ވެކްސިންތަކަށް މި ވޭރިއަންޓް ގުޑާނެކަން ކަށަވަރު ކުރުމަށް އަދި އިތުރު ދުވަސްތަކެއް ބޭނުންވާ ކަމަށް ބުނެފަ އެވެ.

ޑަބްލިއުއެޗްއޯ އިން ހާމަކުރާ ގޮތުގައި އާ ވޭރިއަންޓުގެ ގާތްގަނޑަކަށް 100 ކޭސް މިހާތަނަށް ވަނީ ފެނިފައެވެ. އެންމެ ގިނައިން ކޭސްތައް ފެނިފައި ވަނީ ސައުތު އެފްރިކާ އިން ކަމަށްވީ ނަމަވެސް ހޮން ކޮންގް، އިޒްރޭލް އަދި ބޮޓްސްވާނާ އިން ވެސް ވަނީ ކޭސްތަކެއް ފެނިފަ އެވެ.

އާ ވޭރިއަންޓާއެކު އެފްރިކާގެ ބައެއް ގައުމުތަކުގެ ފްލައިޓުތައް އިނގިރޭސިވިލާތާއި ޖަޕާން އަދި ނެދަލޭންޑްސް އިން ވަނީ ހުއްޓުމަކަށް ގެނެސްފަ އެވެ. އޭގެ ތެރޭގައި ދެކުނު އެފްރިކާ، ބޮޓްސްވާނާ، ނެމީބިއާ، ޒިމްބާވުވޭ، އީސްވާތީ އަދި ލެސޯތޯ ހިމެނެ އެވެ.

މީގެއިތުރުން އަވަށްޓެރި އިންޑިއާ އިން ވަނީ ދެކުނު އެފްރިކާ، ބޮޓްސްވާނާ އަދި ހޮންކޮންގް އިން އަންނަ ފަރާތްތައް ޓެސްޓު ކުރުމާއި ސްކްރީން ކުރުން އިތުރަށް ވަރުގަދަ ކުރަން ނިންމާފަ އެވެ.