Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ޗައިނާގެ އިޤްތިޞާދީ "މަޖުބޫރުކުރުން" ތަކާ ގުޅޭގޮތުން ޓައިވާނާއި އެމެރިކާ މަޝްވަރާ ކޮށްފި

ޗައިނާގެ އިޤްތިޞާދީ "މަޖުބޫރުކުރުން" ތަކާ ގުޅޭގޮތުން ޓައިވާނާއި އެމެރިކާ މަޝްވަރާ ކޮށްފިއެވެ.

ޓައިވާންގެ އިޤްތިޞާދާބެހޭ ވަޒީރު ވަންގް މީހުއާ އަންގާރަ ދުވަހު ވިދާޅުވީ، ޗިޕްގެ ދަތިކަމާއި، ޗައިނާގެ އިޤްތިޞާދީ "މަޖުބޫރުކުރުން" ތަކާމެދު އަމަލުކުރާނެ ގޮތްތަކާ ބެހޭގޮތުން ޓައިވާނާއި އެމެރިކާއިން މަޝްވަރާކުރީ މިދިޔަ އަހަރު ފެށި އިޤްތިޞާދީ ޑައިލޮގްގެ ދެވަނަ ސެޝަންގައި ކަމަށެވެ.

މި މަޝްވަރާތައް ފަށާފައި ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޗައިނާގެ ލީޑަރު ޝީ ޖިންޕިން ގެ ވާޗުއަލް ބައްދަލުވުން ބޭއްވި ފަހުންނެވެ. އެ ބައްދަލުވުމަށް ފަހު ޝީ ވަނީ ޓައިވާންގެ މިނިވަންކަމަށް ގޮވާލާ އެމެރިކާގައި ތިބި ސަޕޯޓަރުން ކުޅެމުންއަންނަނީ އަލިފާނާ ކަމަށްބުނެ އިންޒާރު ވެސް ދީފައެވެ.

އެމެރިކާގެ އަންޑަރ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ގްރޯތް، އެނަރޖީ އެންޑް އެންވަޔަރަންމަންޓް، ހޯސޭ ފެނާންޑޭޒް އިސްކޮށް ހުންނަވައިގެން، ކުރިއަށްގެންދެވި އޮންލައިން މަޝްވަރާތަކަށްފަހު، ޓައިވާންގެ އިޤްތިސާދާބެހޭ ވަޒީރު ވަންގް ވިދާޅުވީ، ސަޕްލައި ޗެއިން ކޮލަބޮރޭޝަނާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށާއި، އޭގެ ތެރޭގައި ސެމީކޮންޑަކްޓާ ބެހޭ މަޝްވަރާތައްވެސް ހިމެނޭ ކަމަށެވެ.

މީގެއިތުރުން ޗައިނާގެ އިގުތިސޯދީ "މަޖުބޫރުކުރުން" ތަކަށް ރައްދު ދޭނެ ގޮތާ ގުޅޭގޮތުންވެސް ވާހަކަ ދެކެވުނުކަން ފާހަގަކޮށްފައިވެއެވެ. ވާންގް ވިދާޅުވީ ހުރިހާ ޤައުމުތަކުންވެސް އަދި ހުރިހާ އިޤްތިޞާދުތަކުންވެސް، މިބާވަތުގެ ބޭރު ޤައުމުތަކުގެ އެއްވެސް ކަހަލަ މަޖުބޫރުކުރުންތަކެއް އޮވެގެން ނުވާނެ ކަމަށެވެ.

ބޭރުމީޑީއާތަކުން ރިޕޯޓް ކުރާ ގޮތުގައި ޓައިވާނުން އުންމީދުކުރަނީ މިމަޝްވަރާގެ ސަބަބުން އެމެރިކާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އާދެވިދާނެ ކަމަށެވެ.