Last Updated: April 26, 18:02
Friday, April 26, 2024
ރިޕޯޓް

ޝަރަފުއްދީން ސްކޫލް: އޯލެވެލްގައި އައު ހަރުފަތަކަށް

މަތީ އަރުތަވެރިންނާއެކު، ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލް ހުސައިން މުސައްވިރު

2019 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނު ވެގެންދިޔައީ، ރާއްޖޭގައި އޮކްޓޯބަރު/ނޮވެމްބަރުގައި ހެދި އެންމެ ފަހު އޯލެވެލް އިމްތިހާނަށެވެ. އެ އަހަރުގެ އިމްތިހާނު ހެދި 4،987 ދަރިވަރުންގެ ތެރެއިން 419 ދަރިވަރަކު ވަނީ މަތީ އަރުތަވެރިންގެ އިނާމު ހާސިލުކޮށްފައެވެ. އަދި އިމްތިހާނު ހެދި 8 މާއްދާއިން އޭ ސްޓަރ ހޯދައިގެން މުޅި ރާއްޖެއިން 1 ވަނަ ހޯދި 10 ދަރިވަރުން އެބަތިއްބެވެ. ހަމައެހެންމެ، ދުނިޔޭގެ ވަނަތަކުގައި ދިވެހި 42 ދަރިވަރުން ހިމެނޭކަމީ މުޅި ޤައުމު ފަޚުރުވެރިވާނެފަދަ ކާމިޔާބީއެކެވެ.

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ޝަރަފުއްދީން ސްކޫލަކީ، މަތީ އަރުތަވެރިންގެ ތެރެއިން އެންމެ ފަޚުރުވެރި 2 ކާމިޔާބީ އައްޑުއަށް ހޯދައިދިން ދަރިވަރުން ނިސްބަތްވާ ސްކޫލެވެ. ޝަރަފުއްދީން ސްކޫލްގައި ކިޔެވި ދަރިވަރަކު މުޅި ރާއްޖެއިން 1 ވަނަ ހޯދާފައިވާއިރު، އެ ސްކޫލްގެ އިތުރު އެހެން ދަރިވަރަކު ވަނީ ދުނިޔޭގެ 1 ވަނަވެސް ހޯދާފައެވެ.

މުޅި ރާއްޖެއިން 1 ވަނަ ލިބުނު 10 ދަރިވަރުންގެ ތެރޭގައި އައްޑޫގެ ސްކޫލަކަށް ނިސްބަތްވާ ދަރިވަރަކު ހިމެނުމީ، މުޅި ސިޓީއަށްވެސް ލިބޭނެ ފަޚުރެއްކަން ޔަގީނެވެ. އަދި ހަމައެހެންމެ، އެކި މާއްދާތަކުން ދުނިޔޭގެ އެއްވަނަ ހޯދި 5 ދަރިވަރުންގެ ތެރެއިންވެސް އައްޑޫގެ ސްކޫލަކަށް ނިސްބަތްވާ ދަރިވަރަކު ހިމެނިގެން ދިއުމީ، އައްޑޫގެ ކޮންމެ ރައްޔިތަކަށްވެސް ލިބޭނެ ޝަރަފަކާއި ފަޚުރެއްކަމާމެދު އެއްވެސް ޝައްކެއް ވަސްވާހެއް ނެތެވެ.

ޝަރަފުއްދީން ސްކޫލްގެ ދަރިވަރުން

ދުނިޔެއިން އެއްވަނަ ހޯދި ދަރިވަރު
އައިޝާ ރަސާން ނާޒިމް، މެރިން ސައިންސް އިން އެއްވަނަ، ޝަރަފުއްދީން ސްކޫލް

ރާއްޖެއިން އެއްވަނަ ހޯދި ދަރިވަރު
ފާތިމަތު ނަބާހާ ހުސެއިން، ސ. ހިތަދޫ، ޝަރަފުއްދީން ސްކޫލް

ޝަރަފުއްދީން ސްކޫލުން ހޯދި މި ކާމިޔާބީ އާ ގުޅޭގޮތުން ސުވާލު ދެންނެވުމުން އެ ސްކޫލްގެ ޕްރިންސިޕަލް ހުސައިން މުސައްވިރު ވިދާޅުވީ، މިކަމުން ދައްކުވައިދެނީ އިލްމީ ލޭ ހުރި ގާބިލު ދަރިވަރުން އައްޑޫގައި އެބަތިބި ކަމެވެ.

އައްޑޫގެ ލޭ [ހިނގާ] އިލްމީ ގޮތުން ގާބިލު ދަރިވަރުން އެބަތިބިކަން މިކަމުން ދައްކުވައިދެނީ

މީގެއިތުރުން، މުސައްވިރު ވަނީ، ސްކޫލްގެ އެކެޑަމިކް ޓީމުން ކޮށްދެއްވި މަސައްކަތްވެސް ފާހަގަކޮށްފައެވެ. އަދި މިފަދަ ކާމިޔާބީއެއް ނެރުމަށްޓަކައި ޓީޗަރުން ކުރެއްވި ބުރަ މަސައްކަތް ވަނީ ފާހަގަކޮށްފައެވެ. އަދި ސްކޫލްގެ އެކެޑަމިކް ކަލްޗަރއާއި އާދަތައް މި ކާމިޔާބީގައި ބޮޑު ދައުރެއް އަދާކޮށްފައިވާތީ އެކަމަށްވެސް މުސައްވިރު ވަނީ އަލި އަޅުވާލާފައެވެ.

ޝަރަފުއްދީން ސްކޫލްގެ ދަރިވަރުން އޯލެވެލް އިމްތިހާނު ހަދަނީ

މެރިން ސައިންސް އިން ދުނިޔޭގެ އެއްވަނަ ހޯދި އައިޝާ ރަސާން ނާޒިމް ބުނިގޮތުގައި، އޭނައަށް ލިބުނު ކާމިޔާބީގައި ސްކޫލްގެ ދައުރު ވަރަށް ބޮޑެވެ. އަދި ޓީޗަރުންގެ އެހީތެރިކަމާއި، އެއްބާރުލުން އިންތިހާއަށް ލިބުނުކަމަށް ރަސާން ވަނީ ބުނެފައެވެ.

"މަތީ އަރުތަވެރިއަކަށް ވެވުމުން އެންމެ ފުރަތަމަ ޝުކުރު އަދާކުރާނީ މާތްﷲ އަށް. ދެން ސްކޫލްގެ މެނޭޖްމެންޓަށާއި، ސްކޫލްގެ ޓީޗަރުންނަށް. އެއަށްފަހު ކިޔެވުމަށް ހުރިހައި ގޮތަކުން ހިތްވަރު ދެއްވި، މިހާރުވެސް ހިތްވަރު ދެއްވަމުން ގެންދަވާ އަޅުގަނޑުގެ މަންމައާއި ބައްޕަ އަދި އާޢިލާއަށް" ރަސާން ބުންޏެވެ.

ރާއްޖެއިން އެއްވަނަ ހޯދި ޝަރަފުއްދީންގެ ދަރިވަރު ފާތިމަތު ނަބާހާ ހަސަންވެސް ވަނީ، މަތީ އަރުތަވެރިއަކަށް ވެވުމުން ވަރަށް ބޮޑަށް އުފާކުރި ކަމަށާއި، ސްކޫލްގެ ޓީޗަރުން ކުރެއްވި ބުރަ މަސައްކަތް އެނގި، އެކަން ބަލައިގަންނަ ކަމަށް ބުނެފައެވެ. އަދި ނަބާހާގެ ބެލެނިވެރިންނާއި، އާއިލާގެ މެމްބަރުންނަށް ފަހަށް، އެންމެ ބޮޑު ޝުކުރެއް އަދާކުރާނީ ސްކޫލް ޓީޗަރުންނަށް ކަމަށް ނަބާހާ ވަނީ ބުނެފައެވެ. މީގެއިތުރުން، ނަބާހާ ވަނީ އޭނަގެ ކާމިޔާބީގައި އޭނަގެ މައިންބަފައިންނާއި އާއިލާގެ ހިއްސާ ވަރަށް ބޮޑުކަން ފާހަގަކޮށްފައެވެ.

"ޓިއުޝަން ނެގުމަކާ ނުލައި އަޅުގަނޑަށް އެހައި ގިނައިން ދަސްވުމުން، އެ ހުރިހާ ކްރެޑިޓެއް ދާނީ ޓީޗަރުންނަށް" ނަބާހާ ބުންޏެވެ.

ޝަރަފުއްދީން ސްކޫލަކީ އައްޑޫގައި ސެކަންޑަރީ ފެންވަރާ ހަމައަށް ކިޔަވައިދޭ ސްކޫލްތަކުގެ ތެރެއިން ސްކޫލެކެވެ. 2021 ވަނަ އަހަރުގެ މެއި/ޖޫންގައި ހެދި އޯލެވެލް އިމްތިހާނުގައިވެސް އެ ސްކޫލްގެ 31 ދަރިވަރުން ވަނީ ގަދަ ދިހައެއްގައި ހިމެނިފައެވެ. އަދި އޭގެތެރެއިން 4 ދަރިވަރުން ވަނީ މުޅި ރާއްޖެއިން އެއްވަނަ ހޯދާފައެވެ.