Last Updated: April 25, 09:40
Thursday, April 25, 2024
ރިޕޯޓް

އތމ ކޮމިޓީއަށް 195 ދުވަސް: އައްޑޫއާ މެދު ދެކެނީ ފޮނި ހުވަފެންތަކެއް

އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިއްޔެ ނިންމައިލީ ބޮޑެތި މީހުންނަށް އިނގިރޭސި ބަސް ދަސްކޮށްދިނުމުގެ ކޯހެކެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން އެ ކޮމިޓީން ހިންގި މި ކޯހުގައި އެތައް ބަޔަކަށް ވަނީ އަސާސީ ފެންވަރުގެ އިނގިރޭސި ދަސްކޮށްދީފައެވެ. މީގެ 2 ދުވަސް ކުރިންވެސް ފެނުނީ އތމ ކޮމިޓީގެ ފަރާތުން އައްޑުއަށް ރީތި ނަން ހޯދައިދިން ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ބޭއްވި އިވެންޓެކެވެ. ޝައްކެވެސް ނެތެވެ. އައްޑޫސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އައްޑޫއާމެދު ދެކޭ ހުވަފެންތަކުގެ ބޮޑުކަން މިކަމުން އެބަ ދޭހަވެއެވެ.

އައްޑޫސިޓީ އތމ ކޮމިޓީގެ ތަސައްވުރާބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުން އެ ކޮމިޓީގެ ރައީސާ ނުސްރަތު ރަޝީދު ވިދާޅުވީ، ކުރިއަށް އޮތް އަހަރަށްވެސް ގިނަ ޕްލޭންތަކެއް ހެދިފައިވާ ކަމަށެވެ. އަދި މި އަހަރުވެސް ހަރަކާތްތައް ހިންގިފައިވާ ކަމަށާއި، ރައްޔިތުންގެ ފަރާތުން އެއްބާރުލުންވެސް ލިބޭކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން، ނުސްރަތު ވިދާޅުވީ، އާންމުންގެ އެންމެ ބޮޑު އެދުމަކީ ވީހައިވެސް ގުޅިގެން މަސައްކަތްކުރުން ކަމަށެވެ. ހަމައެހެންމެ، އތމ ކޮމިޓީން އިސް ނަންގަވައިގެން ޖަމްޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން ކުރެވެން އޮތް މަސައްކަތްތަކާބެހޭ ގޮތުން ޚިޔާލާއި މަޝްވަރާ ހޯދަމުން އަންނަކަމަށްވެސް ނުސްރާ ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް އަހަރަށް ކޮށްފައިވާ ބައެއް ޕްލޭންތަކާގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ނުސްރަތު ވިދާޅުވީ، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އާ ގުޅިގެން އައްޑޫގެ ކޮންމެ އަވަށެއްގައި ޑަސްބިން ބެހެއްޓުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އެގޮތުން ޖަމްޢިއްޔާތަކާއި އަވަށު އޮފީސްތަކާ ގުޅިގެން މޮނިޓަރ ކުރަން މަޝްވަރާކުރެވިފައިވާ ކަމަށާއި، ޑަސްބިނަށް ކުނިއަޅަން މީހުން ހޭލުންތެރިކުރަން ނިންމާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ދިވެހި ރެޑް ކްރެސެންޓާ ގުޅިގެން ކުރިއަށް ގެންދަން ރާވައިފާ ހަރަކާތްތަކާގުޅޭ ގޮތުން ނުސްރަތު ވިދާޅުވީ، އައްޑޫގެ ކޮންމެ ގޭބިސީއަކުން އެކަކަށް ބޭސިކް ފަސްޓް އެއިޑް ޓްރެއިނިންގ ދޭން ނިންމާފައިވާ ކަމަށެވެ. ހަމައެހެންމެ، މި އަހަރު އަލްޓަނޭޓިވް ލާނިންގ ޕްރޮގްރާމެއް ކުރިއަށްގެންދަން ރާވައިފައި އޮތްކަންވެސް ނުސްރަތު ވަނީ ފާހަގަކުރައްވާފައެވެ.

"މިއީ ސްކޫލް ވަކި ހިސާބަކުން ހުއްޓާލާފައި ތިބޭ ކުދިންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމަށް ބޭނުންވާ ހުނަރުތައް [ހޯދުމަށް] ފުރުސަތު ހޯދައިދޭން ކުރިއަށް ގެންދާނެ ޕްރޮގްރާމެއް" ނުސްރަތު ވިދާޅުވިއެވެ.

ޕެކޭޖިންގ ސެންޓަރެއް ގާއިމުކުރުމަށް އތމ އިން މިއަހަރު ޕްލޭންކުރިނަމަވެސް، އެ ކޮމިޓީއަށް ވިޔަފާރި ނުވެވޭތީ އެ މައްސަލަ އަދި އޮތީ ކައުންސިލްގެ ލީގަލްގައިކަން ނުސްރަތު ވަނީ ފާހަގަކުރައްވާފައެވެ. އަދި ފެކްޓަރީ އުސޫލުން ފަހާތަނެއް ގާއިމުކުރަންވެސް ޕްލޭންކުރި ކަމަށް ނުސްރަތު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އޭނާ ވަނީ އތމ ކޮމިޓީގެ އެންމެ ބޮޑު އެއް އަމާޒަކީ ގޭގައި ތިބެގެން މަސައްކަތްކުރަން ބޭނުންވާ މަސައްކަތްތެރިންނަށް މާކެޓް ހޯދައިދިނުންކަން ފާހަގަކުރައްވާފައެވެ.

އައްޑޫސިޓީގެ ކުޅިވަރުތައް ކުރިއެރުވުމަށްވެސް އތމ ކޮމިޓީގެ ވިސްނުން އެބަހުއްޓެވެ. ކުރިއަށް އޮތް އަހަރު އތމ ކޮމިޓީން ވަރަށް ބޮޑަށް ޒުވާނުންނަށް އަމާޒުކޮށްގެން ހަރަކާތްތައް ހިންގާނެކަމަށް އެ ކޮމިޓީން ވަނީ ވިދާޅުވެފައެވެ. އަދި އައްޑޫގައި އުވެމުން އަންނަ ނެޓްބޯޅަފަދަ ކުޅިވަރުތައް އާލާކުރަން ވިސްނުން އެބަހުރިކަމަށް ކޮމިޓީގެ ރައީސާ ނުސްރަތު ވަނީ ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެންގެ އަމާޒު އެބަހުރި ކައުންސިލާ ގުޅިގެން ނެޓްބޯޅަ ކުޅޭނެ ތަންތަން ހަދައި، މީހުންނަށް ޓްރެއިނިންގ ދިނުމަށް. އަދި ކުރިއަށް އޮތް މުބާރާތެއްވެސް ބޭއްވޭތޯ މަސައްކަތްކުރާނަން" ނުސްރަތު ވިދާޅުވިއެވެ.

އައްޑޫސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އާމްދަނީ ހޯދުމަށް ގިނަ ކަންކަން ޕްލޭންކޮށްފައިވާކަމަށް ނުސްރަތު ވިދާޅުވިއެވެ. އެގޮތުން ކޮމިޓީގެ އަމިއްލަ ކެފޭއެއް ހިތަދޫ ކުޑަކުދިންގެ ޕާކު ހުރި ތަނުގައި ހިންގުމަށާއި، ޕެކޭޖިންގ ސެންޓަރުން ސާމާނު ޕެކްކޮށްގެން ވިއްކައި، އާމްދަނީ ހޯދުމުގެ އިތުރުން ފެކްޓަރީ އުސޫލުން އެއްޗެހި ފަހައި، އެ ވިއްކައިގެން އާމްދަނީ ހޯދަން ޕްލޭންކޮށްފައިވާކަމަށް ނުސްރަތު ވިދާޅުވިއެވެ.

ކަންމިހެންއޮތަކަސް، އތމ ކޮމިޓީއަށްވެސް ގޮންޖެހުންތަކެއް އެބަހުރިކަން ނުސްރަތު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، އައްޑޫގެ އތމ ކޮމިޓީއަށް ވިޔަފާރިނުކުރެވޭތީ ނުސްރަތު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"އެހެން ރަށްތަކުގެ އތމ ކޮމިޓީތަކަށް ގެސްޓްހައުސްވެސް ހިންގޭ، ސްކޫލްތައްވެސް ހިންގޭ. ނަމަވެސް އައްޑޫސިޓީގައި މިކަންކަން ކުރެވެން ނެތް. މިވެރިން ބުނާގޮތުގައި މިއީ ވާނެކަންކަމެއް ނޫން" ނުސްރަތު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އައްޑޫސިޓީ ކައުންސިލްގެ ބަޖެޓުން 5 އިންސައްތަ އތމ ކޮމިޓީއަށް ދިނަސް، 10 މެމްބަރުންގެ އެލަވެންސްވެސް ދޭންޖެހެނީ އެ ބަޖެޓުންކަމަށް ނުސްރަތު ވަނީ ވިދާޅުވެފައެވެ. އަދި އތމ ކޮމިޓީގެ އޮފީހުގެ ޚަރަދުތައްވެސް ކުރަންޖެހެނީ އެ ބަޖެޓުންކަމަށް ނުސްރަތު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ އޮފީހުގެ މުވައްޒަފުންނަށްވެސް މުސާރަދޭން ޖެހެނީ އެ ބަޖެޓުންކަން ފާހަގަކުރައްވައި ނުސްރަތު ވިދާޅުވީ، އެ 5 އިންސައްތައަކުން މާ ބޮޑުކަމެއް ނުކުރެވޭނެކަމަށެވެ.

"ޑަބްލިއުޑީސީގެ ހުރިހާ ޚަރަދެއް ކުރަންޖެހެނީ ކައުންސިލުން ދޭ 5 ޕަސެންޓުން" ނުސްރަތު ވިދާޅުވިއެވެ.

އތމ ކޮމިޓީއަށް މާލީގޮތުން ދަތިތަކެއް ހުއްޓަސް، އައްޑޫ ސިޓީ ކައުންސިލުން ވަރަށް ބޮޑަށް ސަޕޯޓް ދެއްވާކަން ނުސްރަތު ވަނީ ފާހަގަކުރައްވާފައެވެ.

"އަބަދުވެސް، އައްޑޫ ސިޓީ ކައުންސިލް ޑަބްލިއުޑީސީއަށް ވަރަށް ސަޕޯޓިވް. ސިޓީ ކައުންސިލްގެ ކައުންސިލަރުންނާއި މޭޔަރުގެ ސަޕޯޓް ޑަބްލިއުޑީސީގެ ކަންކަމަށް ވަރަށް ބޮޑަށް ލިބޭ" ސިޓީ ކައުންސިލްގެ ސަޕޯޓް އޮވޭތޯ ސުވާލުކުރެއްވުމުން ނުސްރަތު ވިދާޅުވިއެވެ.

އައްޑޫ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އައްޑޫގެ މުސްތަޤްބަލު ތަސައްވަރުކުރަނީ ވަރަށްވެސް ފުރިހަމަ ގޮތެއްގައެވެ. އަދި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އަބަދުވެސް އެ ކޮމިޓީން ބަލައިގަންނާނެކަމަށް ކޮމިޓީގެ ރައީސާ ވަނީ ވިދާޅުވެފައެވެ. އެހެން ސިޓީތަކާއި ރަށްތަކުގެ އތމ ކޮމިޓީތަކަށް އައްޑޫގެ އތމ ކޮމިޓީ ވެގެންދާނީ ނަމޫނާއަކަށްކަން ޔަގީނެވެ.