Last Updated: March 28, 18:00
Thursday, March 28, 2024
ކުޅިވަރު

ބެލޮންޑިއޯގެ ފެވަރިޓަކީ މެސީ: ރާމޯސް

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑުގެ ފެވަރިޓަކީ ލިއޮނަލް މެސީ ކަމަށް ޕީއެސްޖީ އަށް ކުޅެމުން އަންނަ ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް ބުނެފި އެވެ.

ފާއިތުވި އަހަރުތަކުގައި މެސީ އާއި ރާމޯސްގެ މެދުގައި ވާދަވެރި ކުރިމަތިލުންތަކެއް ފެނިގެން ގޮސްފައިވާއިރު މިހާރު މި ދެ ކުޅުންތެރިން ވެސް ކުޅެމުން އަންނަނީ ޕީއެސްޖީ އަށެވެ. އަދި ޕީއެސްޖީ އަށް ރާމޯސް އިއްޔެ ވަނީ ފުރަތަމަ ފަހަރަށް މެޗެއް ކުޅެދީފަ އެވެ. ފްރެންޗު ލީގުގައި ސެއިންޓް އެޓިއެންއާ ބައްދަލުކުރި މެޗު ޕީއެސްޖީން ކާމިޔާބުކުރީ 3-1 އިންނެވެ.

އިއްޔެގެ މެޗަށްފަހު ބެލޮންޑިއޯގެ ފެވަރިޓަކީ މެސީ ތޯ ރާމޯސް ކައިރިން ނޫސްވެރިއަކު ސުވާލުކުރުމުން އޭނާ ބުނީ ބެލޮންޑިއޯގެ ފެވަރިޓަކީ މެސީ ކަމަށާއި އެއް ޓީމަކަށް ކުޅޭ ކުޅުންތެރިން އަބަދުވެެސް ދިފާއުކުރާނެ ކަމަށެވެ. އަދި މެސީ އަށް ކާމިޔާބީ އަށް ރާމޯސް އެދިފައިވެ އެވެ.

ރާމޯސް ބުނީ މެސީ ފަދަ ކުޅުންތެރިއަކު ޓީމުގައި ހުރުމަކީ ލިބޭ އުފަލެއް ކަމަށާއި މެސީ އަކީ ތަފާތު ދައްކާލެވޭ ފެންވަރުގެ ކުޅުންތެރިއެއް ކަމަށެވެ. އަދި ކޮންމެ ކުޅުންތެރިއަކު ވެސް މަޑުމަޑުން އެ ކުޅުންތެރިއެއްގެ ފެންވަރު ޕީއެސްޖީގައި ދައްކަމުން އަންނަ ކަމަށްވެސް ރާމޯސް ބުންޏެވެ.

ބެލޮންޑިއޯ އެވޯޑު ދިނުމުގެ ރަސްމިއްޔާތު މިރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު މި އެވޯޑަށް މިފަހަރު އެންމެ ބޮޑަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މެސީ އާއި ބަޔާން މިއުނިކްގެ ފޯވާޑް ރޮބަޓް ލެވެންޑޯސްކީ އެވެ.