Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

ކައުންސިލްގެ ނިންމުންތައް ވަގުތީ އެސްޖީ ހަލީމަށް ތަންފީޒުކޮށް ނުދެވޭ: ކައުންސިލަރުން

އައްޑޫ ސިޓީ ކައުންސިލްގެ ފާއިތުވި ހަ މަސް ދުވަހު ރައްޔިތުންނާއި ގުޅުން ހުރި ގިނަ ނިންމުންތައް ނިންމާފައިވާ އިރު އޭގެ ތެރެއިން 60 ޕަސެންޓު މަސައްކަތް ތަންފީޒުކޮށް ނުދެވޭ ކަމަށް އައްޑޫ ކައުންސިލުގެ ގިނަ ކައުންސިލަރުން ބުނެފިއެވެ.

އައްޑޫލައިވް އާއި ވާހަކަ ދެއްކި ގިނަ ކައުންސިލަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައްޔިތުންގެ މަންފާއަށް ކައުންސިލުން ނިންމާ މުހިއްމު ބޮޑެތި ނިންމުންތައް ތަންފީޒު ނުކުރެވި ދިގުލައިގެން ދިއުމެއެވެ. އެގޮތުން އެއް ކައުންސިލަރަކު ފާހަގަ ކުރި ގޮތުގައި ހިތަދޫގައި އަޅާފައިވާ ފްލެޓުތަކުގެ ތެރެއިން ބާކީ ހުރި 21 ފްލެޓު ނުދެވި ހުރީ ސީދާ އެސްޖީ ހަލީމްގެ ޒިއްމާ އަދާ ނުކުރެވިގެންނެވެ.

ކައުންސިލަރުން ބުނީ އާ ކައުންސިލް ހުވާ ކުރުމަށް ފަހު އެންމެ ބޮޑު އިސްކަމެއް ދިންކަމަކީ، އެ ފްލެޓުތައް ހައްގުވެރިންނަށް ދިނުންކަމަށެވެ. ނަމަވެސް ކައުންސިލުން އެެކަން އިތުރަށް ބެލުމަށް ނިންމައި ތަންފީޒު ކުރުމަށް ފޮނުވި ފަހުން ހަ މަސް ވެގެންދާއިރު އަދިވެސް އެކަން ނުނިމެއެވެ.

"އެއްކަމަކަށް ބަލަމާ ފްލެޓުގެ ކަންކަން، ކައުންސިލުން މިވަނީ ކައުންސިލް ހުވާ ކުރުމަށްފަހު އެންމެ ފުރަތަމައަށް ފެލްޓުގެ ކަންކަން ނިންމުމަށް ފާސްކޮށްފައި، އަދި މިވީތަނަށް އެކަން ނުކުރެވޭ، ރައްޔިތުންގެ ހިތްހަމަ ނުޖެހުން ވަރަށް ބޮޑު، ކައުންސިލަރުންނަށް ރައްޔިތުން ބަވަނީ، އެކަމަކު މިކަން ކުރަން މިކަން ތަންފީޒު ކުރަން ހުރީ ވަގުތީ އެސްޖީ ހަލީމު އަދި އޭނާގެ ދަށުން މުވައްޒަފުން، މިކަމެއް ނުނިމޭ، މިކަމަށް އިސްކަމެއްދީގެން ކުރާތަނެއް ނުފެނޭ" ކައުންސިލަރަކު ބުންޏެވެ.

އައްޑޫގެ ޓޫރިޒަމް ޒޯންތަކުގެ ތެރެއިން ބާކީ ހުރި ޓޫރިޒަމް ޒޯންތަކުގެ މަސައްކަތް އަވަސްކޮށް ބިންތައް އިއުލާން ކުރުމަކީވެސް ކައުންސިލުން ހާއްސަ އިސްކަމެއްދޭ ކަމެކެވެ. އެކަމާއި ގުޅިގެން ހިތަދޫގެ ކައުންސިލަރަކު ވިދާޅުވީ އެމަސައްކަތްވެސް ލަސްވެފައިވަނީ ވަގުތީ އެސްޖީގެ އިހުމާލުން ކަމަށެވެ.

"ގާނޫނުގައި އެބަބުނޭ ކައުންސިލުން ނިންމާ ނިންމުން ވީ އެންމެ އަވަހަކަށް ތަންފީޒު ކުރުމަކީ އެސްޖީގެ ޒިއްމާއެއްކަމަށް. އެކަމަކު އެކަމެއް ނުކުރެވޭ، ހަ މަސް މިދިޔައީ، މިއީ ވަރަށް ވަގުތު."

އެކައުންސިލަރު ފާހަގަ ކުރިގޮތުގައި ޓޫރިޒަމް ޒޯނުގެ މަސައްކަތަކީ ކައުންސިލަރުން އެންމެ އިސްކަމެއްދީގެން ކުރަން ބޭނުންވާ އެއް މަސައްކަތެވެ. ނަމަވެސް އަދިވެސް އެމަސައްކަތް ކުރިއަކަށް ނުދެއެވެ. އެތައް ބަޔަކު ޓޫރިޒަމް ޒޯނުތައް އިއުލާން ކުރާނެ ތާރީހެއްގެ އިންތިޒާރުގައި ތިބި ކަމަށް ކައުންސިލަރު ބުންޏެވެ.

ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒު ނުކުރެވޭތީ އެވާހަކަ ކައުންސިލްގެ ޖަލްސާތަކުގައި ބައެއް ކައުންސިލަރުން ގެންދަނީ ތަކުރާރުކޮށް ފާހަގަ ކުރަމުންނެވެ. އޭގެ އެއްކަމަކީ ހިތަދޫ ސްކޫލް ކުރިމަތީގައި ހަދާފައިވާ މޫލެކެޑެ ފުޓްސަލް ދަނޑުގެ ފެންސު ނުޖެހި އެސަރަހައްދުގެ މީހުންނަށް އާއްމު އުނދަގުލަކަށް ވެގެން އެތަނުގައި ފެންސު ޖެހުމަށް ހުށަހެޅު މައްސަލައެވެ. މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު ކައުންސިލް ޖަލްސާއަށް ހުށަހަޅައި އެތަނުގެ ފެންސު ޖެހުމަށް އިއުލާން ކުރުމަށް ކައުންސިލުން ނިންމިއެވެ. އެކަމަކު އެކަން އިއުލާނު ކުރެވުނީ އެތައް ދުވަހެއްވީ ފަހުން ތަކުރާރުކޮށް އެމައްސަލަ ކައުންސިލް ޖަލްސާގައި ފާހަގަކޮށް އަހުމަދު ސައީދު އިސްވެ ހުރެ ކުރި މަސައްކަތުންނެވެ.

މީގެ އިތުރުންވެސް އައްޑޫގެ އެކި ރަށްތަކުގެ އޮފީސްތަކުގައި ހުރި ގިނަ މައްސަލަތައް ހައްލުކޮށްދިނުމަށް ކައުންސިލަރުން ދަނީ އެދެމުންނެވެ. ހާއްސަކޮށް ރަށްރަށަށް ބޭނުންވާ ސްޓޭޝަނަރީ ފަދަ އާދައިގެ ތަކެތިވެސް ލިބޭނެ އިންތިޒާމެއް މިވީ ހަ މަސް ތެރޭގައި ހަމަޖައްސައި ދެވިފައި ނުވެއެވެ. އެކަންބޮޑުވުން އެ ހުރިހާ ރަށެއްގެ ކައުންސިލަރުން ފާހަގަ ކުރިއެެވެ.

"މިވަރުން ކިހިނެތް ރައްޔިތުންނަށް ހިދުމަތް ދެވޭނީ، ކުރީގެ ކަތީބުން ތިބިއިރު ވީވަރުންވެސް މިހާރު ނުވޭ، އެވާހަކަ ދައްކާ ދައްކާ ވަރުބަލިވެއްޖެ." ކައުންސިލަކު ބުންޏެވެ.

އައްޑޫ ކައުންސިލުން މިމަހުގެ 13 އިން 17 އަށް މާލެއަށް ކުރި ރަސްމީ ދަތުރަކީ ހަރަދު ބޮޑު، މާ ބޮޑު ކާމިޔާބީ އެއް ނޫންކަމަށްވެސް އެއް ކައުންސިލަރަކު ފާހަކަގުކުރިއެވެ. އެކައުންސިލަރު ބުނީ މުޅި ދަތުރު ދިޔައީ މާބޮޑު ތައްޔާރުވުމެއް ނެތި ކަމަށެވެ. އެގޮތުން މާލެ ދިޔައިރުވެސް ބައެއް މިނިސްޓްރީތަކުން އެޕޮއިންޓްމެންޓް ނުލިބޭ ކަމަށެވެ. އަދި ބައެއް މިނިސްޓްރީ ތަކާއެކު އެކަށީގެންވާ ގޮތެއްގައި މަޝްވަރާ ކުރެވިފައި ނުވާ ކަން ފާހަގަކުރެއެވެ.

މީގެ އިތުރުންވެސް ދަތުރުގައި ބައްދަލު ކުރެވުނު މިނިސްޓްރީތަކާ އެކު މަޝްވަރާ ކުރެވުނު ކަންކަމަކީ ރައްޔިތުންނަށް އެނގެންޖެހޭ މައުލޫމާތުކަމަށްވީއިރު އެ މައުލޫމާތު އަދި މިހާތަނަށްވެސް އެސްޖީ ހާމަކޮށްފައި ނުވާ ކަމަށެވެ.

"އިދާރީ ދެ މުވައްޒަފުންނާއި އެކު އެސްޖީ މާލެ ދިޔައީ، އެންމެ ކުޑަމިނުން އެއިން ވުޒާރާއަކާއި އެކު ކުރެވުނު މަޝަވަރާގެ ތަފްސީލެއް ރައްޔިތުންނަށް ސާފުކޮށް ނުދެވުނު، މިއީ ވަރަށް ދެރަ ކަމެއް. މިއީ އިސްރާފެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ، މީގެ ތަފްސީލެއް ރައްޔިތުންނަށް ނުލިބުނީމާ"

ކައުންސިލްގެ އޮނިގަނޑެއް ނެތް، ސިވިލް ސާވިސް މުވައްޒަފުންނަށް ވާނުވާގައި!

އައްޑޫ ކައުންސިލުން ނިންމާ ނިންމުން ތަންފީޒު ނުކުރެވޭއިރު ކައުންސިލް އިދާރާގެ މުވައްޒަފުންގެ ކަންބޮޑުވުންތައްވެސް އިންތިހާއަށް ބޮޑެވެ. ވަގުތީ އެސްޖީ ހަލީމް އާމެދު ކައުންސިލް އިދާރާގެ މުވައްޒަފުންގެ ކަންބޮޑުވުމަކީ މިހާރު ތަނުގައި އެކަށީގެންވާ އޮނިގަނޑެއް ނެތުމެވެ. އޭގެ އެއްކަމަކަށް ކައުންސިލްގެ ސިވިލް ސާވިސް މުވައްޒަފަކު ފާހަގަކުރީީ ކައުންސިލަށް އަންނަ ސިޓީތަކަށް މިހާރު ވާނުވާ ނޭގުމެވެ.

ކައުންސިލް އިދާރާގެ އިސް މުވައްޒަފުން ތަކަކާއި އެކު ހަލީމު, ފޮޓޯ: އައްޑޫ ކައުންސިލް

މީގެ ކުރިން ކައުންސިލަށް ސިޓީ ބަލައިގަންނަނަނީ ކައުންސިލް އިދާރާގެ ތިރީގައި ހުންނަ ރިސެޕްޝަނުންނެވެ. އަދި އެތަނުން ލިޔެކިއުންތައް ނަގައި، ފޮނުވަންޖެހޭ ޑިޕާޓުމަންޓުތަކަށް ދިޔައީ ފޮނުވަމުންނެވެ. ނަމަވެސް ވަގުތީ އެސްޖީ ކަމާއި ހަލީމު ހަވާލުވެ ލިޔެކިއުންތައް ކައުންސިލް ބިއުރޯއަށް ބަދަލުކުރިިއެވެ.

"ހަލީމު އައިސް ތަނުގެ އޮނިގަނޑު އެކޮޅުކޮޅުން ޖަހައިފި. މިހާރު ކައުންސިލް އިދާރާއަށް ލިބޭ ސިޓީއަށް ވާނުވާއެއް ނޭގެ، ބައެއް ސިޓީ އަށް ޖަވާބު ނުދެވި މުއްދަތު ފާއިތުވާ ފަހުން އެސިޓީ އެބަލިބޭ، އެހެންވެ ޖަވާބު ނުދެވި ލަސްވޭ." މުވައްޒަފު ބުންޏެވެ.

މީގެ އިތުރުންވެސް ގިނަ މުވައްޒަފުން ފާހަގަ ކުރާގޮތުގައި ވަގުތީ އެސްޖީ ހަލީމުއަކީ ސިވިލް ސާވިސް އިސްމީހެއްގެ ބަދަލުގައި ސިޔާސީ މީހެކެވެ. ކައުންސިލް ހިންގުމުގެ ބަދަލުގައި ފެންނަނީ ކައުންސިލް ހިންގުމުގެ ބޭރުގައި ހުރެވޭތަނެވެ.

"ހަލީމު ހީވަނީ އެއީ ސިޔާސީ މީހެއްހެން، ބަޔަކު އޭނާ ހައިޖެކްކޮށްފަހެން ހީވަނީ، އެހެން މިބުނަނީ ކައުންސިލުން ރައްޔިތުންނަަށް ހިދުމަތް ދޭން އުޅޭ މަންޒަރެއް ނުފެނޭ"

ގާނޫނުގައި ބުނެފައިވާ އެއްވެސް ކަމެއް ކުރެވިފައި ނެތް:

ފާއިތުވި ހަ މަސްދުވަހު ކައުންސިލްގެ ހިންގުމަށް ބަލާއިރު ގާނޫނުގައި ބުނާ އެއްވެސް ކަމެއް ކުރެވިފައި ނުވެއެވެ. ލާމަރުކަޒީ ގާނޫނުގެ 109 ވަނަ މާއްދާގައި ބުނާ ކައުންސިލް ހިންގި ގޮތުގެ ރިޕޯޓު ނިންމައި އެ ރިޕޯޓު އާއްމުކޮށްފައި ނުވެއެވެ. އަދި އެގާނޫނުގެ 110 ވަނަ މާއްދާގައި ބުނާ ރައްޔިތުންގެ ބައްދަލުވުން އައްޑޫ ކައުންސިލުން ބާއްވާފައި ނުވެއެވެ. މިބައްދަލުވުންތަކަކީ ސީދާ އެސްޖީގެ ބެލުމުގެ ދަށުން އިންތިޒާމު ކުރަން ޖެހޭ ބައްދަލުވުންތައް ކަމަށް ލޯކަލް ކައުންސިލް އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މަގާމުގެ މަސްއޫލިއްޔަތުގެ ޒިއްމާގެ 2.7 ގައި ވަނީ ބުނެފައެވެ.

އައްޑޫގެ ލޭންޑު ޔޫސް ޕްލޭން ނިންމައި ލޯކަލް ގަވަމެންޓު އޮތޯރިޓީއަށް މި މަހުގެ 30 ވަނަ ދުވަހު ހުށަހަޅަން ޖެހޭ އިރު ލޭންޑުޔޫސް ޕްލޭނާއި ގުޅޭ ގޮތުން އައްޑޫގެ އެއްވެސް ރައްޔިތަކާއި އެކު ބައްދަލުވުމެއް ކައުންސިލުން ބާއްވާފައި ނުވެއެވެ. އަދި އެކަމަށް އެސްޖީ ހަލީމު އެއްވެސް މަސައްކަތެއް ކޮށްފައި ނުވެއެވެ.

އެސްޖީގެ ޒިއްމާ އަދާ ނުކުރުމުން ކައުންސިލަރުންގެ ގާނޫނީ ޒިއްމާ މިވަނީ އަދާ ނުކުރެވިއެވެ. ރައްޔިތުންގެ ހިޔާލެއް، މަޝްވަރާއެއް ކައުންސިިލަރުންނަށް ނުލިބުނެވެ.

މައުލޫމާތު ނުދީ ހިފެހެއްޓުން

އައްޑޫ ކައުންސިލްގެ ފާއިތުވި ހަ މަސް ދުވަހު ވަގުތީ އެސްޖީ ހަލީމު އާއި އެކު އެންމެ ބޮޑަށް ފާހަގަކުރެވުނު އެއްކަމަކީ ރައްޔިތުންނަށް އެނގެން ޖެހޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވުމެވެ. އެގޮތުން ކައުންސިލުން ނިންމާފައިވާ ނިންމުންތައް ބަރާބަރަށް އާއްމުކޮށްފައިި ނުވެއެވެ. އެންމެ ފަހުން ކައުންސިލްގެ ވެބްސައިޓުގައި ކައުންސިލްގެ ނިންމުމެއް އާއްމުކޮށްފައިވަނީ އޮކްޓޯބަރ މަހުގެ 6 ވަނަ ދުވަހުއެވެ. އައްޑޫ ކައުންސިލްއިން ހަފްތާއަކު އެއް ރަސްމީ ޖަލްސާ ބާއްވައި ނިންމުން ނިންމައެވެ.

މީގެ އިތުރުން މަހުން މަހަށް ކައުންސިލުން ކުރާ ހަރަދު، ލިބޭ އާމްދަނީއެއް އާއްމު ނުކުރެއެވެ. މިހާރުވެސް ރާއްޖޭގެ ބައެއް ކައުންސިލުން ގަވާއިދުން މި މައުލޫމާތު ރައްޔިތުންނަށް ދަނީ ހާމަ ކުރަމުންނެވެ. އޭގެ އެއް މިސާލަކީ ފުވައްމުލަކު ކައުންސިލެވެ.

ފާއިތުވި ހަމަސް ދުވަހު ނޫސްވެރިންގެ ބޭއްވިފައިވަނީ ޖުމްލަ ދެ ބައްދަލުވުމެވެ. އެއީ ސީދާ ކައުންސިލުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެވެ. ކޮވިޑާއި ގުޅިގެން އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރ އިން ބާއްވަމުން ދިޔަ ބައްދަލުވުމަކީ ތަފާތު އެއްޗެކެވެ.

އައްޑޫ ކައުންސިލުން މައުލޫމާތު ނުދޭތީ އެކަމުގެ ކަންބޮޑުވުން އައްޑޫލައިވްއިން ވަގުތީ އެސްޖީ ހަލީމުއަށް ހުށަހެޅުމުން ހަލީމު ވިދާޅުވީ އެކަން ބަލާނެ ކަމަށެވެ. ނަމަވެސް މައުލޫމާތު ހޯދުމަށް އައްޑޫ ކައުންސިލުން ހަދާފައިވާ ނޫސްވެރިންގެ ވައިބާ ގްރޫޕުގައި ސުވާލު ކުރުން ކައުންސިލްގެ މީޑިއާ މުވައްޒަފު ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ފޯމު ހުށަހެޅުމުން މައުލޫމާތު ދޭނެކަމަށެވެ.