Last Updated: April 25, 06:02
Thursday, April 25, 2024
ކުޅިވަރު

މެސީ ބެލޮންޑިއޯ ހަތްވަނަ ފަހަރަށް ހޯދައިފި

ބާސެލޯނާގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ ކެރިއަރުގައި ރެކޯޑް ހަތް ވަނަ ފަހަރަށް ބެލޮންޑިއޯ އެވޯޑް މިރޭ ހާސިލްކޮށްފި އެވެ.

ފްރާންސުގެ މަޝްހޫރު ކުޅިވަރު މަޖައްލާ ފްރާންސް ފުޓްބޯލް އިން ދިން މި އެވޯޑް މެސީ ކާމިޔާބުކުރީ ބަޔާން މިއުނިކްގެ ފޯވާޑް ރޮބަޓް ލެވެންޑޯސްކީއާ ވާދަކޮށްގެންނެވެ.

ބެލޮންޑިއޯ އެވޯޑު މެސީ އެންމެ ފުރަތަމަ ހާސިލުކުރީ 2009 ވަނަ އަހަރުއެވެ. އޭގެފަހުން 2010 ވަނަ އަހަރާއި 2011 ވަނަ އަހަރާއި 2012 ވަނަ އަހަރާއި 2015 ވަނަ އަހަރު އަދި 2019 އަހަރު ވެސް މި އެވޯޑު ގެންގޮސްފައިވަނީ މެސީއެވެ. މެސީ އަކީ މި އެވޯޑު ހަތް ފަހަރަށް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާއެވެ.

މި އެވޯޑު މެސީ ގެންދިޔައިރު އޭނާ ވަނީ ބާސާ އާއެކު މިދިޔަ ސީޒަނުގައި ސްޕެނިޝް ކަޕް ކާމިޔާބުކޮށް، މިދިޔަ ސީޒަނުގައި 57 މެޗުގައި 44 ގޯލު ކާމިޔާބުކޮށް 17 އެސިސްޓް ހަދާފަ އެވެ. މެސީ ވަނީ އާޖެންޓީނާ އެކު ކޮޕަ އެމެރިކާ ވެސް މިދިޔަ ސީޒަނުގައި ކާމިޔާބުކޮށްފަ އެވެ.

ބެލޮންޑިއޯ އެވޯޑުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ހާސިލުކުރީ ބާސެލޯނާގެ ތަރި އެލެކްސިއާ ޕުޓެޔާސް އެވެ. އެންމެ މޮޅު ކީޕަރުގެ މަގާމު އިޓަލީގެ ކީޕަރު ޖިއާންލުއިޖީ ޑޮނަރުއްމާ ގެންދިޔައިރު އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ މަގާމު މިފަހަރު ގެންދިޔައީ ބާސާ އަށް ކުޅެމުން އަންނަ ޕެޑްރީ އެވެ. އެންމެ މޮޅު ކްލަބަކަށް ހޮވުނީ ޗެލްސީ އެވެ. އަދި އެންމެ މޮޅު ފޯވާޑުގެ މަގާމު ލިބިފައިވަނީ ލެވެންޑޯސްކީ އަށެވެ.