Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އިންޑިއާ އައުޓް ގޮވާ މީހުން ބަލަން މާރިޔާގެ އައިނުގެ ލޯ ބޮޑުކުރަން ގޮވާލައިފި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ބޭލުމަށް ގޮވާލާ ފަށާފައިވާ ކެމްޕޭނުގައި ބައިވެރިވާ މީހުންގެ އަދަދު ބަލަން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އައިނުގެ ލޯ ބޮޑުކުރަން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގޮވާލައިފި އެވެ.

އަދުރޭ މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނުގެ ފަހަތުގައި ތިބީ ސޯޝަލް މީޑިއާ ބޮޓްތަކެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދާދިފަހުން ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ރޭ އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ އިންޑިއާ އައުޓް ގޮވަނީ އަތުގެ އިނގިލިތަކުން ގުނާލެވޭހާ މީހުން ކަމަށް މާރިޔާ ވިދާޅުވުމުން އެކަމަނާ މިހާރު އަޅުއްވާ އައިނު އަދި އިތުރަށް ބޮޑުކޮށްލަންޖެހޭ ކަމަށެވެ. އެގޮތުން މިހާރުވެސް މާރިޔާ އަޅުއްވާ އައިނުގެ ލޯ އާދައިގެ ދެ އައިނުގެ ލޯ ވަރުވާ ކަމަށާއި އެ އައިނުން ބަލާއިރު އިންޑިއާ އައުޓް ގޮވާ މީހުންގެ އަދަދު މަދުކަމަށް ފެންނަނަމަ ހުސްނުވާ އާސަންދާގައި މާރިޔާ ބައިވެރިވުމަށް އަދުރޭ ވަނީ ގޮވާލާފަ އެވެ.

"ރައީސް ޔާމީނު އޮންނާނެ ގާއިމުކޮށްފައި ހުސްނުވާ އާސަންދަ ކިޔާ ޕްރޮގްރާމެއް. އެ ޕްރޮގްރާމުން އެހީ ހޯއްދަވައިގެން ނަމަވެސް އެބަޖެހޭ އެ އައިނުގެ ލޯ ބޮޑުކޮށްލަން" އަދުރޭ ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި މާރިޔާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަދުރޭ ވަނީ ރާއްޖޭގެ ތާރީހުގެ ތެރޭގައި މާރިޔާގެ ނަން ލިޔެވިގެންދާނީ ކަޅު އަކުރުން ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އިންޑިއާ ސިފައިންނާއެކު މިހާރު ވެރިކަމުގައި ތިބި ފަރާތްތައް ވެސް މަގާމުތަކުން ދުރުކުރަންޖެހޭ ކަމަށް އަދުރޭ ވިދާޅުވި އެވެ.