Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

މިއަދު ފެނިގެން ދިޔައީ ސުޕްރީމް ކޯޓުގެ މިނިވަންކަން: ޔުމްނާ

ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން

މިއަދު ފެނިގެން ދިޔައީ ސުޕްރީމް ކޯޓުގެ މިނިވަންކަން ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

ޔުމްނާ މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ބާތިލުކުރުމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރުން ފަނޑިޔާރުން ހައްޔަރެއް ނުކުރާނެ ކަމަށާއި އަދި ފުރާޅުން ޓިނެއް ވެސް ނުނަގާނެ ކަމަށެވެ. އަދި މިއަދު ފެނިގެން މި ދިޔައީ ސުޕްރީމް ކޯޓުގެ މިނިވަންކަން ކަމަށް ޔުމްނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ފަނޑިޔާރު މަހާޒުގެ ރައުޔު އިއްވަމުން ވިދާޅުވީ، މި މައްސަލައިގައި ތަހުގީގު މަރުހަލާގައި ދީފައިވާ ގާނޫނީ އިންޒާރުގައި މަނީލޯންޑްރިންގެ ތުހުމަތުކުރެވޭ ކަމަށް ބުނެފައިނުވާކަމަށް ޔާމީންގެ ފަރާތުން ބުނިނަމަވެސް، ވަކީލުންގެ ހާޒިރުގައި ސޮއިކޮށްފައިވާބަޔާނުގައި މަނީލޯންޑްރިންގެ ކުށުގެ ވާހަކަ ބަޔާންކޮށްފައިވާކަމަށެވެ.

ޔާމީންގެ މައްޗަށް މިމައްސަލައިގައި އުފުޅާފައިވާ ދައުވާއަކީ ތަފާތުކޮށްގެން ހަމަހަމަކަމުގެ އުސޫލުން ބޭރުން އުފުލާފއިވާ ދައުވާއެއްކަމަށް ޔާމީންގެ ފަރާތުން ބުނިނަމަވެސް، އެކަން ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ޔާމީންގެ ފަރާތުން ހުށަހަޅާފައިނެތްކަން ފަނޑިޔާރު މަހާޒު ވިދާޅުވިއެވެ. މިމައްސަލައިގެ ދައުވާގައި ޔާމީނަށް ލިބިފައިވާ ފައިސާއަކީ ވޮޑަމުލާގެ ފައިސާކަމަށް ބަޔާންކޮށްފައިނެތުމުން، އަދި ކުށް ހިނގިތަނާއި ވަގުތު ނެތުމުން އެކަން ޔާމީންގެ ފަރާތުން ފާހަގަކޮށްފައިވާއިރު، ފަނޑިޔާރު މަހާޒުގެ ރައުޔުގައި ވިދާޅުވީ އެކަންކަމަކީ ދައުވާ ކުރިއަށް ނުގެންދެވޭނެ ސަބަބެއް ނޫންކަމަށެވެ.

މީގެއިތުރުން ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ވޮޑަމުލާގެ އެކިއުޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާކަމާމެދު ޝައްކު އުފެދިފައިވަކަމަށްވެސް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ. ޔާމީނާ ދެކޮޅަށް ހެކީގެ ގޮތުގައި ބޭނުންކުރި އަހްމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ ހެކިބަހަށް، އެހެން ހެކިތަކުން ބާރު ލިބޭ ކަމަށް ހައި ކޯޓުން ނިންމާފައިވާ ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ގަބޫލު ނުކުރެވޭކަމަށް ވެސް ފަނޑިޔާރު މަހާޒްގެ ރައުޔުގައި ފާހަގަކޮށްފައިވެއެވެ. އަދި އޭސީސީގެ ކުރީގެ ނައިބު ރައީސް މުއައްވިޒު ރަޝީދުގެ ހެކިބަހަށް ބުރަނުވެވޭނެ ކަމަށް ވެސް ފަނޑިޔާރު މަހާޒްގެ ރައުޔުގައި ފާހަގަކޮށްފައިވެއެވެ.

ޔާމީނަށް އިއްވި ހުކުމް ބާތިލުކުރަން ހުކުމް ކުރެއްވީ ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.