Last Updated: April 24, 20:49
Wednesday, April 24, 2024
ޚަބަރު

ސިއްސުވާލި ހުކުމުގެ އަޑާއެކު ދެން އިވެން ފެށީ ފިރިހެނުންނާއި އަންހެނުންގެ ރުއިމުގެ އަޑުފައްގަނޑު

ޔާމީން މިނިވަންކުރަން ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު ޕީޕީއެމްގެ ސަޕޯޓަރުން އުފަލުން ރޮނީ

ތަނަކީ ޕީޕީއެމްގެ މައި އޮފީހެވެ. މުޅި ހޯލަށް ވެރިވެފައި އޮތީ ހަމަ ހިމޭންކަމާއި ޝައުގުވެރިކަމެވެ. އެންމެ ލޯބިވާ ރައީސްގެ ހުކުމަށް ކޯޓުން ބުނާ ފަހުބަސް އަޑުއަހަން ތެޅިތެޅި އޮތް ހިތަކާއެކު އެތައް ބަޔަކު ތިބީ ވާނެ ގޮތެއްގެ އިންތިޒާރުގަ އެވެ. ތިން ގަޑިއިރު ފަނޑިޔާރުގެ ހާސަރުތަކަށްފަހު އިއްވީ ރައީސް އަބްދުﷲ ޔާމިންގެ މައްޗަށް އިއްވި ހުކުމަކީ ބާތިލް ހުކުމެއް ކަމަށް ވިދާޅުވި އަޑެވެ. ރައީސް ޔާމިނަކީ މައުސޫމް މީހެއް ކަމަށް ކަނޑައެޅުމާއެކު ހިފެހެއްޓުމެއް ނެތި ތަނުގައި އެއްވެ ތިބި މީހުންގެ ބަޑި ފަޅައިގެންދިޔަ އެވެ. ޕީޕީއެމްގެ އިސް ލީޑަރޝިޕްގެ ބޭފުޅުންނާއި އާއްމު ބައެއް މެމްބަރުން އެކަކު އަނެއްކަކު ގައިގައި ބައްދަ ބައްދާފައި ރޮއިން ނޫން ކަމެއް ނުކުރެ އެވެ. ރުއިމުގެ އަޑުފައްގަނޑާއެކު ﷲ އަކްބަރު ގޮވާ ﷲއަށް ޝުކުރު ކުރާ އަޑެވެ.

ރައީސް ޔާމިންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމަކީ ޕީޕީއެމްއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ހިތާމަ އެވެ. ހަމަ އެކަނި އުއްމީދަށް އޮތީ ޝަރުއީ އެންމެ ފަހު މަރުހަލާއިން މިއަދު ކުރި ހުކުމެވެ. އުއްމީދާއެކު ދުއާ ކުރަމުން އިންތިޒާރުކުރަމުން ދިޔައީ އެ ހުކުމަށެވެ.ހުކުމާއެކު ބުނަން އޮތް ބަހަށްވުރެ ކުރިން ކޮންމެ މީހަކަށްވެސް ރޮވެގަނެވެނީ އެވެ.

ހަމައެކަނި ޕީޕީއެމްގެ އޮފީސްތެރެއަކު ނޫނެވެ. މި މަންޒަރު މިގޮތައް ހިނގި ޕީޕީއެމްގެ އެތައް ޖަގަހައެއް އެބަ ހުއްޓެވެ. ޕީޕީއެމް އޮފީހާއި ރައީސް ޔާމީންގެ އޮފީސްކުރިމަތީވެސް ފެނުނީ މި މަންޒަރެވެ.

ރައީސް ޔާމިނަށް މަރުހަބާ ކިޔަން ގޭދޮރުމަތީ ރަތްދޫލަ
ރައީސް ޔާމިން މިނިވަނެއްގެ ގޮތުގައި ގެއަށް ވަޑައިގަންނަވަންވާއިރަށް އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ އެމަނިކުފާނުގެ ގެކޮޅުގައި ރަތްދޫލަ އަޅާފަ އެވެ. ރަތްދޫލަ އަޅައި ރަތް ފިނިފެންމާ ވެސް ވަނީ އަތުރައިފައި އެވެ. އެތައް ބަޔަކު މަގުތައް މައްޗަށް ނިކުމެ އުފާ ފާޅުކުރަމުންދާއިރު ކޮންމެ މީހެއްގެ ލޮލުގައި ވަނީ އުފަލުގެ ކަރުނަ އެވެ.

ހުކުމް ރިޔާސީ ކެންޑިޑޭޓަކަށް ޔާމިން ހެދުމުގެ އުއްމީދު ބޮޑު
ރައީސް ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކުރި ނަމަ އެމަނިކުފާނަށް ދެން އޮތް ރިޔާސީ އިންތިހާބުގެ ފުރުސަތު ގެއްލޭނެ އެވެ. ޕީޕީއެމްއަށް މިއަދު ލިބިގެންދާނެ އެންމެ ބޮޑު ޔަގީންކަމާއި އުފަލަކީ މިއަދު އެމަނިކުފާނަށް ކުރިމަތިލެވޭނެކަން މި ވަގުތައް ޔަގީންވެގެން ދިއުމެވެ.

މި އުފާ ފާޅުކުރަމުންދާއިރު މާލޭ ފިޔަވާ އަތޮޅު ތެރޭގައި ތިބި ޕީޕީއެމްގެ ސަޕޯޓަރުން ގެންދަނީ މިކަމުގައި އުފާ ފާޅުކުރަމަށް ކެއްކުންތައް ކައްކަން ތައްޔާރުވަމުންނެވެ. މިއީ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށްފަހު ލިބުނު އެންމެ ބޮޑު އުފަލެވެ.