Last Updated: April 27, 06:22
Saturday, April 27, 2024
ރިޕޯޓް

ފަނޑިޔާރުގެތަކަށް އެންމެންގެ އިތުބާރު ހޯދާދެވުމުގެ ބޮޑު ހިތްހަމަޖެހުމެއް ސަރުކާރަށް

ޤާނޫނުއަސާސީ ތަޞައްވުރުކޮށްފައިވާ ފަދައިން، ފަނޑިޔާރުންނަށް، އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި އިންސާފުން ޝަރީޢަތް ކުރެވޭނެ މާޙައުލެއް ފަހިކޮށްދޭން ޖެހިފައިވާކަން. ރައްޔިތުންނަށް ޢަދުލު އިންސާފު ކަށަވަރުކޮށްދިނުމަށްޓަކައި، ޤާނޫނީ ޢިލްމާއި، ޝަރީޢަތް ކުރުމުގެ ހުނަރު ލިބިފައިވާ ނަޒާހަތްތެރި ފަނޑިޔާރުގެއެއް ޤާއިމުކުރަން ޖެހިފައިވާކަން. މިއީ، އަޅުގަނޑުގެ ސަރުކާރެއްގައި އެންމެ އިސްކަމެއްގެ ގޮތުގައި ދެކި، ކުރާން ފަށާނޭ އެއް މަސައްކަތް" ރައީސް އިބްރާހިމް މުހައްމަދު ރައީސްކަމުގެ ހުވާކުރެއްވި ދުވަހު ގައުމާ މުހާތަބު ކުރައްވާ ވިދާޅުވި ބަސްފުޅެވެ.

އެމަނިކުފާނު ވިދާޅުވި ފަދައިން މީގެ ކުރިން ފަނޑިޔާރުގެތަކަށް މީހުންގެ އިތުބާރު އޮތީ ގެއްލިފަ އެވެ. ސަރުކާރުން ބޭނުންވާހާ ގޮތަކަށް ހުކުމް ޖަހަމުން ގޮސް ރައީސް އޮފީހުންކުރާ ލިޔާ ހުކުމް ފަނޑިޔާރުން އިއްވަމުން ދިޔަ ކަމަށްވެސް ބައެއް ފަރާތްތަކުންދިޔައީ ބުނަމުންނެވެ. އެހެންވެ ސަރުކާރުން ވީ އެންމެ ބޮޑު ވައުދަކީ ފަނޑިޔާރުގެތަކަށް ގެއްލިފައިވާ އިތުވާރު ރައްޔިތުންނަށް އަނބުރާ ހޯދާ ދެެވުމެވެ.

ރައީސް އަބްދުﷲ ޔާމިނަކީ ސަރުކާރާ ހަމަ އެކަނި އިދިކޮޅު ލީޑަރެވެ. ޕީޕީއެމް އާއި ޕީއެންސީ ކިޔަސް އެއީ އެކައްޗެކެވެ. ދެ ޕާޓީއަކީ ވެސް ރައީސް ޔާމިނެވެ. ސަރުކާރުން މިއަދު ބޭނުން ނަމަ މީގެ ކުރިން އޮތް ގޮތައް ނަމަ ރައީސް ޔާމިނަށް ބޭނުން ހުކުމެއް ކުރެވިދާނެ އެވެ. އެކަމު މިއަދު އެގޮތައް ނުކުރާނެ ކަން ފަނޑިޔާރުން ތިބީ މިނިވަންކަންކޮށް އެނގުނީ ރައީސް ޔާމިންގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމް ބާތިލްކުރުމަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި ސަރުކާރާ އިދިކޮޅު އެއްވެސް މީހަކަށް ކުށް ސާބިތުނުވާ ކަމަކަށް ހުކުމެއް ނުކުރޭ
ރައީސް ޔާމިންގެ ވެރިކަމުގެ ދައުރު ވެގެން ގޮސްފައިވަނީ ސިޔާސީ ހުރިހާ ލީޑަރުން ހައްޔަރުކޮށް އެމީސްމީހުނަށް ހުކުމް ކުރި ދައުރަށެވެ. އޭރު އެއިން އެއްވެސް މީހަކަށް ކޯޓުން ސަލާމަތެއް ނުލިބުނެވެ. އެ ސަބަބުތަކާ ހުރެ އޭރު އިދިކޮޅު މީހަކު ހައްޔަރުކޮށްފި ނަމަ ދެން އެމީހެއްގެ ދުވަސް ދިޔައީ ކަމަށް މީހުން ގަބޫލުކުރި އެވެ. އަދި އިދިކޮޅު ފަރާތްތަކުގެ އިތުބާރު އެއްކޮން ޝަރުއީ ދާއިރާއަށް ގެއްލުނެވެ.

މިއަދު އިދިކޮޅު ފަރާތްތަކުންވެސް ކޯޓަށް އިތުބާރު ކުރާ ކަމަށް ބުނަން ފަށައިފި
މި ހުުކުމާއެެކު ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުގެ އިތުރުން އިދިކޮޅު ފަރާތްތަކުގެ އިތުބާރު ވެސް ބޮޑުވެއްޖެ އެވެ. މިއީ މީގެ ކުރިން ރައީސް ޔާމިންގެ ވެރިކަމުގައި ވީ ކަމެއް ނޫނެވެ.

ރައީސް ސޯލިހަށް ތާއިދުކުރާ ފަރާތްތަކަށް މިއަދަކީ އެއްގޮތަކުން އުފާވެރި ދުވަހެކެވެ. ސަރުކާރުންވީ އެންމެ ބޮޑު ވައުދު ފުދި ފަނޑިޔާރުގެތަކަށް ހުރިހާ ފަރާތްތަކަށް އިތުބާރު ލިބިއްޖެ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ. މި ސަރުކާރަކުން ރައީސް ޔާމިންގެ ވެރިކަމުގައި ފަނޑިޔާރުން ކުރަންޖެހުނު ފަދަ ތަޖުރިބާއެއް ކުރަން ނުޖެހޭނެކަން ޔަގީންވާ ކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނެ އެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި ފަނޑިޔާރުގެ އިސްލާހްކުރަން އެންމެބޮޑަށް މަސައްކަތްކުރެއްވި ބޭފުޅަކީ މިހާރު ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ. އޭނާއަށް މި ހުކުމުން ފަނޑިޔާރުންގެ ކުށެއް ނުފެނެ އެވެ. އޭގެ ބަދަލުގައި އޭނާވެސް އެ ފަނޑިޔާރުންގެ ހުކުމަށް ތާއީދުކޮށް ދެެއްކެވީ ހުކުމް ފާހަގަވި އެހެން ކަންކަމެވެ.

ހަމަ އެއާއެކު މި ހުކުމް ކުރުމާއެކު ބައެއް ފަރާތްތަކުން މީގެ ކުރީގެ މާޒީ ހަނދާންކޮށް ބުނަމުންދަނީ އިންސާފު އެންމެނަށް ލިބޭކަމުގެ އިހްސާސް ކުރެވެން ފަށައިފި ކަމަށެވެ.

ރައީސް ޔާމިނަށް ކުރި ހުކުމާ އެކު ފަނޑިޔާރުންނަށް ފާޑުކިޔާނެ ބަޔަކު ނެތެވެ. ހުކުމް ކުރި ގޮތުން ތަހްގީގުމަރުހަލާ އާއި ދައުވާ ކުރުމުގެ މަރުހަލާގައި ގޯސްތަކެއް ހަދާފައި އެބަހުރިކަން ރައީސް ޔާމިނަށް ތާއީދުނުކުރާ ފަރާތްތަކުންވެސް ގަބޫލުކުރައްވަ އެވެ. އޭގެ ތެެރެއިން އެއްބޭފުޅަކީ އެމްއާރުއެމްގެ ނައިބު ލީޑަރު އަމިނަތު ނާދިރާ އެވެ.

ސަރުކާރު ކޯލިޝަނުގައި ތިބި އެހެން ޕާޓީތަކުންވެސް މިކަން ފާހަގަކުރެ އެވެ. އެއީ ކޯލިޝަން ސަރުކާރުގައި ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށްދެވުނީތީ އެވެ. އެކަން ޑރ. މުހްމަދު އިއާޒުގެ ޓުވީޓުން އިތުރަށް ސާފުވެ އެވެ.

އެހެން ކަމުން މިއަދު މުޅި ރާއްޖެއަށް ލިބުނު އުފަލަކީ ޝަރުއީ ދާއިރާ މިނިވަންކަން އިހްސާސްވުމުންވާ އުފަލެވެ. ރައީސް ޔާމިން މިނިވަންވީ ވެސް ޝަރުއީ ދާއިރާ މިނިވަންވެ ސަރުކާރުން އަތް ނުބޭނީމާ ކަމަށް މިއަދު އެންމެންވެސް ގަބޫލުކޮށްފި އެވެ.