ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ޕީޕީއެމް/ޕީއެންސީ ގެ ކައުންސިލް ބައްދަލުވުމެއް މިރޭ ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
މި ބައްދަލުވުން އޮންނާނީ މިރޭ 8:30 ގައި ޕީޕީއެމްގެ އޮފީހުގަ އެވެ.
ސުޕްރީމް ކޯޓުން މިއަދު ވަނީ ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ބާތިލުކޮށްފަ އެވެ. އެއާއެކު ޔާމީން މިހާރު މިނިވަން ވެފައިވާއިރު ސިޔާސީ މަސައްކަތްތަކުގައި އުޅުއްވުމަށް ޔާމީނަށް މިހާރު ގާނޫނީ އެއްވެސް ހުރަހެއް ނެތެވެ.
ޔާމީން މިނިވަން ކުރުމުން، އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުން ވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ހިމެނޭ ސަރަހައްދަށް އެއްވެ އުފާފާޅުކުރަން ފަށާފައެވެ. އަދި އެމަނިކުފާނު އެނބުރި ގެކޮޅަށް ވަޑައިގެންނެވުމުން މަރުހަބާ ކިޔާފައިވަނީ ރަތް ދޫލައިގައެވެ.
ވޮޑަމުލާގެ މައްސަލައިގައި ސުޕްރީމް ކޯޓުން ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލުކުރިއިރު, ވ. އާރަށް އަދި ރ. ފުއްގިރިގެ މައްސަލައިގައިވެސް ރައީސް ޔާމީންގެ މައްޗަށްވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައެވެ.