Last Updated: April 24, 20:13
Wednesday, April 24, 2024
ޚަބަރު

ޔާމީނަށް މަސައްކަތްކޮށްދިނީ އެއްޗެއް ހޯދުމުގެ ނިޔަތުގައެއް ނޫން: ޖަމީލު

ޑރ.މުހައްމަދު ޖަމީލު - ފޮޓޯ: ރާއްޖެޓީވީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލާގައި މަސައްކަތް ކުރެއްވީ އެއްޗެއް ހޯދުމުގެ ނިޔަތުގައި ނޫން ކަމަށް ކުރީގެ ނައިބު ރައީސް އަދި ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެ އެވެ.

ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް މިއަދު ސުޕްރީމް ކޯޓުން ބާތިލުކުރުމުން އެމަނިކުފާނު މިހާރު ވަނީ މިނިވަންވެފަ އެވެ.

މިއަދު ހަވީރު ޔާމީންގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަމީލު ވިދާޅުވީ ޔާމީނަކީ އެމަނިކުފާނު ވަރަށް އިހުތިރާމު ކުރާ އަދި އެކީގައި މަސައްކަތް ކުރުމުގެ ފުރުސަތު ވެސް ލިބިފައިވާ ފަރާތަކަށްވާތީ، ޔާމީނަށް މިފަދަ ކަމެއް ދިމާވުމުން ގާނޫނީ ވަކީލުންގެ ޓީމާއެކު ކުރެވެން ހުރި ކަމެއް ކޮށްދެއްވީ ކަމަށެވެ.

"އެއްޗެއް ހޯދުމުގެ ނިޔަތުގައި ކުރި މަސައްކަތެއް ނޫން މިއީ، ހަމަ ސާފުކޮށް މި ދެންނެވީ" ޖަމީލު ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ސަރުކާރުން ޔާމީނަށް އަދި ވަރަށް ގިނަ ދުއްތުރާ ކުރާނެ ކަމަށާއި މާދަމާ އިން ފެށިގެން ފޯކަސް އަނބުރާލާނީ ކުރިއަށް އޮތް ތަނުގައި ކުރިމަތިކުރުވާނެ ދުއްތުރާތަކާއި އަދި ދަށު ކޯޓުތަކުގައި މިހާރު ހިނގަމުންދާ މައްސަލަތަކަށް ކަމަށެވެ.

ޔާމީންގެ ރަނިންމޭޓަކަށް ކުރިއަށް އޮތް ތަނުގައި ވެވަޑައިގަންނަވާނެތޯ ސުވާލު ދެންނެވުމުން ޖަމީލު ވަނީ އެފަދަ ކަމަކާއި މެދު މިވަގުތު ވިސްނުންފުޅު ނުގެންގުޅުއްވާ ކަމަށެވެ.

ވޮޑަމުލާގެ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރިއިރު, ވ. އާރަށް އަދި ރ. ފުއްގިރިގެ މައްސަލައިގައި ޔާމީންގެ މައްޗަށް ވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައެވެ.