Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ސަރުކާރުން ކުރާ އެންމެ ހުތުރު ކަމަކީ ކޯޓުތަކަށް އަތްބޭނުން

މި ސަރުކާރުން ކުރާ އެންމެ ހުތުރު ކަމަކީ ކޯޓުތަކަށް އަތްބޭނުން ކަމަށް ކުރީގެ ނައިބު ރައީސް އަދި ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެ އެވެ.

ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް މިއަދު ސުޕްރީމް ކޯޓުން ބާތިލުކުރުމާ ގުޅިގެން ޖަމީލު ވިދާޅުވީ އެމްޑީޕީން ތާހިރު އަދުލުގެ ނިޒާމެއް ގެނެސް ނުދޭނެ ކަމަށާއި އެމްޑީޕީ އަކީ މުޑުދާރު ނިޒާމު ގަބޫލުކޮށް އެ ނިޒާމު ފަތުރަން އުޅޭ ބައެއް ކަމަށެވެ.

މިހާރު ހިނގަމުންދަނީ މިހާ ހިސާބަށް ރާއްޖޭގެ ތާރީހު ދުށް އެންމެ މުޑުދާރު ފަސް އަހަރު ކަމަށާއި އޭގެތެރެއިން ވެސް އެންމެ ނުތާހިރުކޮށް ކުރާ ކަމަކީ ޝަރުއީ ދާއިރާއަށް އަތްބާނައިގެން ރާއްޖޭގެ އިދިކޮޅު ލީޑަރުގެ މައްޗަށް ކުރި ޣައިރު ގާނޫނީ ހުކުމް ކަމަށް ޖަމީލު ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލަދުވެތިވާންޖެހޭ ކަމެއް ކަމަށާއި ގާނޫނުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ރައީސްގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ. އަދި ތިންބާރު ވަކިވެފައި އޮތް ނަމަވެސް ޝަރުއީ ދާއިރާގެ ތެރެއިން ރައްޔިތުންގެ ހައްގުތައް ކަށަވަރުވެފައި އޮތްތޯ ބެލުމަކީ ރައީސްގެ ޒިންމާއެއް ކަމަށްވެސް ޖަމީލު ވިދާޅުވި އެވެ.

"ސުވާލަކީ މި މައްސަލައިގައި ދަށު ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯތަކެއް ލީކުވެގެން މިއަދާ ހަމައަށް އައިއިރުގައި ކޮބާހޭ ޖިނާއީ ތަހުގީގުކޮށްފައި؟ ކޮބާހޭ އެ ތަހުގީގު ތެރޭ ވުޖޫދަށް އައި ނަތީޖާ؟" ޖަމީލު ސުވާލުކުރެއްވި އެވެ.

މީގެއިތުރުން ޖަމީލު ވަނީ ޔާމީންގެ މައްސަލަ ދަށު ކޯޓުގައި ހިނގިއިރު މައްސަލައިގެ ތެރެއަށް އަތްބާނާފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އެކަން ކުރީ ކޮންބައެއްކަން އިނގޭނީ ތަހުގީގު ކުރުމުން ކަމަށާއި އެކަމުގެ ޒިންމާ އޮތީ ރައީސް ސޯލިހުގެ އަތްޕުޅުގައި ކަމަށް ޖަމީލު ވިދާޅުވި އެވެ.