Last Updated: March 29, 06:30
Friday, March 29, 2024
ޚަބަރު

ޔާމީން ފިއްލަވާކަށް ނޫޅުއްވާ، ހުންނަވާނީ ރައްޔިތުންނާއެކު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފިއްލަވަން ނޫޅުއްވާ ކަމަށާއި އެމަނިކުފާނު ހުންނަވާނީ ރައްޔިތުންނާއެކު ކަމަށް މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިމިވަނީ ޝަރީއަތުގައި ހުރި މައްސަލަތަކަކާ ގުޅިގެން ފުލުހުން އެދިގެން ޔާމީން ފުރުން މަނާކުރުމުގެ ހަތް ދުވަހުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެދިނުމާ ގުޅިގެންނެވެ.

މިފަދަ އަމުރެއް ނެރެފައިމިވަނީ ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ބާތިލުކުރަން ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލުކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އެކަމާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ ޔާމީން ފިއްލާވަކަށް ނޫޅުއްވާނެ ކަމަށާއި ޖަލަށްލުމުން ވެސް ހުންނެވީ ރާއްޖޭގައި ކަމަށެވެ. އަދި ދެންވެސް ހުންނަވާނީ ރައްޔިތުންނާއެކު ކަމަށާއި ދައުލަތުގެ މުއައްސަސާތަކުން މުސްތަގިއްލު ކަމާއެކު ވާޖިބު އަދާކޮށް، އަދާލަތާއި ހަމަޖެހުން ދެމެހެއްޓުމަށް މަސައްކަތް ކުރެއްވުމަށް އާދަމް ޝަރީފް ވަނީ ގޮވާލާފަ އެވެ.

ވޮޑަމުލާގެ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރިއިރު, ވ. އާރަށް އަދި ރ. ފުއްގިރިގެ މައްސަލައިގައި ޔާމީންގެ މައްޗަށް ވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައެވެ. އޭގެތެރެއިން ބައެއް މައްސަލަތައް މިހާރު އަންނަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންނެވެ.