Last Updated: April 25, 17:15
Thursday, April 25, 2024
ޚަބަރު

ޔާމީން މިނިވަންވުމުން ސަރުކާރު ވަރަށް ބަލިކަށިވާނެ: އާދަމް ޝަރީފް

މެމްބަރު އާދަމް ޝަރީފް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވުމަކީ މި ސަރުކާރު ވަރަށް ބޮޑަށް ބަލިކަށިވެގެންދާނެ ކަމެއް ކަމަށް މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ބާތިލުކޮށްފަ އެވެ.

އެ ހުކުމާއި ގުޅިގެން ރާއްޖެ ޓީވީއަށް ދިން އިންޓަވިއުއެއްގައި އާދަމް ޝަރީފް ވިދާޅުވީ އެއްވެސް ކުށެއް ނެތްކަން ކޯޓު މަރުހަލާގައި ޔާމީން ސާބިތުކޮށްދެއްވުމަކީ އެމަނިކުފާނަށްޓަކައި ފަހުރުވެރިވާ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ސިޔާސީ މަސްރަހުގައި މުޅިން އާ މަންޒަރެއް ފެނި، ރައްޔިތުންނަށް އުފާވެރިކަމާއެކު ދިރިއުޅެވޭނެ މުސްތަގްބަލެއް ރާއްޖޭގެ ޗާޓުގައި ކުރެހިގެން ދާނެ އުއްމީދުކުރާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީން މިނިވަންވެގެން ދިއުމާއެކު، އަޅުގަނޑުމެންގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނަށް އަރުވާނަން. އަދި މިހާރު އޮތް ސަރުކާރު ވަރަށް ބޮޑަށް ބަލިކަށިވެގެން ދާނެ ކަމަށް ގަބޫލުކުރެވޭ" އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވަނީ އިދިކޮޅު ކޯލިޝަނަކީ މަގުމައްޗަށް ނުކުމެގެން ވެރިކަން ބަދަލުކުރާނެ ބައެއް ނޫން ކަމަށާއި އެ ކޯލިޝަނުން ވެރިކަން ބަދަލުކުރާނީ ގާނޫނީ އިމުގެ ތެރެއިން، ވޯޓު ފޮށިން ކަމަށްވެސް ވިދާޅުވެފަ އެވެ.

ވޮޑަމުލާގެ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރިއިރު, ވ. އާރަށް އަދި ރ. ފުއްގިރިގެ މައްސަލައިގައި ޔާމީންގެ މައްޗަށް ވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައެވެ. އޭގެތެރެއިން ބައެއް މައްސަލަތައް މިހާރު އަންނަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންނެވެ.