Last Updated: April 25, 11:51
Thursday, April 25, 2024
ޚަބަރު

ޑރ. ޖަމީލްގެ ވާހަކައަށް ޑރ. ޝަހީމް ރައްދު ދެއްވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެންމެ ކައިރީގައި ތިބި މީހުން އެމަނިކުފާނު މިނިވަން ވާނެކަމަށް އުންމީދު ނުކުރި ކަމަށް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވި ވާހަކައަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރައްދު ދެއްވައިފިއެވެ.

ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޖަމީލްގެ އިއްޔަ ބޭއްވި ޕްރެސްކޮންފަރެންސްގައި ދެއްކެވި މިވާހަކައަށް ރައީސް ޔާމިންގެ ރަނިންމޭޓް ޑރ. ޝަހީމް ރައްދު ދެއްވާފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ.

ޔާމީންގެ ވަކީލުންގެ ފަރާތުން އިއްޔަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ، ޝަރުއީ ނިޒާމުގެ ތެރެއިން ޔާމީން މިނިވަންވުމަކީ ނުވާނެ ކަމެއް ކަމުގައި ކައިރީގައި ތިބި ގިނަ ބަޔަކުވެސް ގަބޫލުކޮށްގެން ތިބި ކަމަށެވެ.

ޖަމީލްގެ މިވާހަކައަށް ރައްދު ދެއްވާ ޑރ. ޝަމީމް ވިދާޅުވީ، ރައީސް ޔާމީނާ އެންމެ ކައިރީގައި ތިއްބެވި ބޭފުޅުން ފެށުނީއްސުރެއްވެސް ގަބޫލުކުރަމުން ދިޔައީ ރައީސް ޔާމީން މިނިވަންވާނެ ކަމަށް ކަމަށެވެ.

"އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެބޭފުޅުން ތިއްބެވީ އެގޮތުގައި. ދުޝްމަނުން ވަގަށް ގޮވި އިރުވެސް އެބޭފުޅުން ވިދާޅުވަމުން ގެންދެވީ ވަގެއް ނޫނޭ ރައީސް ޔާމީން އަކީ" ޑރ. ޝަހީމްގެ ޓްވީޓްގައިވެއެވެ.

ވޮޑަމުލާގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރިއިރު، އެމަނިކުފާނުގެ މައްޗަށް އިތުރު ދެ ރަށެއްގެ މައްސަލައިގައި މިހާރުވެސް އޮތީ ދައުވާ އުފުލާފައެވެ. ވ. އާރަށް އަދި ރ. ފުއްގިރިގެ މައްސަލައިގައިވެސް ރައީސް ޔާމީންގެ މައްޗަށްވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައެވެ.