Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ޔާމީނަށް، ގެއްލުމުގެ ބަދަލު ދައުލަތުން ދޭންޖެހޭ: ޑރ. ދީދީ

ޑރ. އަހުމަދު އަބްދުالله ދީދީ--

އިސްތިއުނާފީ މަރުހަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުން ދޫނުކޮށް ގިނަ ދުވަސްތަކެއް ފާއިތުވުމަށްފަހު، ތުހުމަތުން ބަރީއަވުމުން ގެއްލުމުގެ ބަދަލު ދައުލަތުން ދޭންޖެހޭކަން ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑރ. ދީދީ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް ޔާމީންގެ މައްސަލައިގައި އިއްޔަ ސުޕްރީމް ކޯޓުން އިއްވި ހުކުމުން ތިން ކަމެއް ސާފުވާކަމަށެވެ.

ފުރަތަމަ ކަމެއްގެ ގޮތުން ޑރ. ދީދީ ވިދާޅުވީ، އުންސުރު ފުރިހަމަނުވާ ބާތިލް ދައުވާއެއް އުފުލައި ޖުޑިޝަލް ސިސްޓަމް ބޭނުންކޮށްގެން އިދިކޮޅު ލީޑަރު ސިޔާސީ މައިދާނުން އެކަހެރިކުރުމަށް މިއަދުގެ ސަރުކާރުން މަސައްކަތް ކޮށްފައިވާކަން ހާމަވާކަމަށެވެ.

ދެވަނަ ކަމެއްގެ ގޮތުން ޑރ. ދީދީ ވިދާޅުވީ ރައީސް ޔާމީނަށް ގެއްލުމުގެ ބަދަލު ދައުލަތުން ދޭންޖެހޭނެ ކަމަށެވެ.

"ބެސްޓް ޕްރެކްޓިސްއާ ޚިލާފަށް އިސްތިއުނާފީ މަރްޙަލާގައި ރ.ޔާމީން ބަންދުން ދޫނުކޮށް ގިނަ ދުވަސްތަކެއް ފާއިތުވުމަށްފަހު، ތުހުމަތުން ބަރީއަވުމުން ގެއްލުމުގެ ބަދަލު ދައުލަތުން ދޭންޖެހޭކަން؛ މިކަން ޔޫރަޕްގެ އިންސާނީ ޙައްޤުތަކާބެހޭ ކޯޓުގެ ނިންމުންތަކުން އެނގެން އޮންނަކަން." ޑރ. ދީދީ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުންވެސް ޑރ. ދީދީ ވިދާޅުވީ ރާއްޖޭގެ ޖިނާއީ ޢަދްލުގެ ނިޒާމުގެ މިނިވަންކަމާއި މުސްތަޤިއްލުކަން ކަށަވަރުކުރުމަށް ބޭނުންވާ އިސްލާހުތައް ލަސްނުކޮށް ގެންނަން ޖެހިފައިވާކަން ސުޕްރީމް ކޯޓުގެ ހުކުމުން ހާމަވާކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ އިސްލާހުކުރަންޖެހޭ ދެ މުއައްސަސާޔަކީ ޖުޑިޝަލް ސާވިސް ކޮމިޝަން އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ކަމަށްވެސް ވިދާޅުވިއެވެ.