ކޮވިޑް-19 ގެ އައު ވޭރިއަންޓް "އޮމިކްރޯން" ސައުދީ އަރަބިއްޔާ އިން ފެނިއްޖެއެވެ.
ސައުދީގެ ދައުލަތުގެ މީޑިއާ އިން ބުނިގޮތުގައި އާ ވޭރިއަންޓް ފެނިފައިވަނީ އުތުރު އެފްރިކާ އަށް ދަތުރުކުރި މީހެއްގެ ކިބައިންނެވެ. އެމީހާ މިހާރު ހުރީ އައިސޮލޭޝަނުގަ އެވެ.
އާ ވޭރިއަންޓާއި ގުޅިގެން ޑަބްލިއުއެޗްއޯ އިން ވަނީ މިއީ ކަންބޮޑުވުން އޮތް ވޭރިއަންޓެއް ކަމަށް ކަނޑައަޅާފަ އެވެ. އަދި މިއީ ކޮވިޑް-19 ކުރިން ޖެހިފައި ތިބި މީހުންނަށް ވެސް ޖެހޭ ވޭރިއަންޓެއް ކަމަށް ލަފާކުރެވޭއިރު މިއީ ފަސޭހައިން އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ފެތުރެމުންދާ ވޭރިއަންޓެއް ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެ އެވެ.
ޑަބްލިއުއެޗްއޯ އިން ވަނީ މިހާރު އުފައްދާފައިވާ ކޮވިޑް ވެކްސިންތަކަށް މި ވޭރިއަންޓް ގުޑާނެކަން ކަށަވަރު ކުރުމަށް އަދި އިތުރު ދުވަސްތަކެއް ބޭނުންވާ ކަމަށް ބުނެފަ އެވެ.
ޑަބްލިއުއެޗްއޯ އިން ހާމަކުރާ ގޮތުގައި އާ ވޭރިއަންޓުގެ ގާތްގަނޑަކަށް 100 ކޭސް މިހާތަނަށް ވަނީ ފެނިފައެވެ. އެންމެ ގިނައިން ކޭސްތައް ފެނިފައި ވަނީ ސައުތު އެފްރިކާ އިންނެވެ.
އާ ވޭރިއަންޓާއެކު އެފްރިކާގެ ބައެއް ގައުމުތަކުން މީހުން އައުން ގައުމުތަކުން މިހާރު އަންނަނީ ވަގުތީ ގޮތުން މަނާކުރަމުންނެވެ.