Last Updated: April 25, 20:04
Thursday, April 25, 2024
ޚަބަރު

އިދިކޮޅު ކޯލިޝަންގެ މަސައްކަތް އިތުރު ގިޔަރަކަށް ޖައްސާނެ: ޔާމީން

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ މަސައްކަތް އިތުރު ގިޔަރަކަށް ޖައްސާނެ ކަމަށް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މިރޭ ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ އަބަދުވެސް ފެންނަމުންދަނީ ޕީޕީއެމްގެ ޖަލްސާތަކުގައި އެމަނިކުފާނުގެ ގޮނޑިކޮޅު ހުސްކޮށް އިންނަތަން ކަމަށާއި ނަމަވެސް މިރެޔަކީ އެކަމަށް ބަދަލު އައި ރޭ ކަމަށެވެ.

"މި ހިސާބުން ފެށިގެން އަޅުގަނޑުމެން ކުރި މަސައްކަތް މި ގިޔަރުން މިއަށް ވުރެ މަތީ ގިޔަރަކަށް ޖައްސާނެ" ޔާމީން ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ އާންމުން ބައިވެރިވި މި ޖަލްސާގައި އިތުރަށް ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ އަނެއްކާވެސް ބަންދުކުރަންދެން ރައްޔިތުންނާއެކު މަސައްކަތް ކުރައްވާނެ ކަމަށާއި އެމަނިކުފާނަށް އަންނަ ކޮންމެ ހަމަލާއަކީ ދިވެހި ރައްޔިތުންނަށް އަންނަ ހަމަލާއެއްކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑަށް އަންނަ ކޮންމެ ހަމަލާއަކީ ދިވެހި ޤައުމުދެކެ ލޯބިވާ, ދިވެހިރާއްޖެއަށް އުފަން ހުރިހާ ރައްޔިތުންނަށް އަންނަ ހަމަލާތަކެއްކަމަށް އަޅުގަނޑު ގަބޫލުކުރަނީ." ރައީސް ޔާމިން ވިދާޅުވިއެވެ.

މީގެއިތުރުން ކައުންސިލް އިންތިހާބުގައި ޕީޕީއެމް އަށް ރައްޔިތުން އަޣުލަބިއްޔަތު ދިނީ ރައްޔިތުންނަށްޓަކާ ވަރުގަދަ ޖިހާދުތަކެއް ކުރަނީ ޕީޕީއެމުން އެކަނި ކަމަށް ގަބޫލުކުރާތީ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ. އަދި ޕީޕީއެމްގެ ފިކުރަކީ ބިނާކުރަނިވި، ވަތަނީ، ދީން ހިމާޔަތްކޮށް، ރައްޔިތުންގެ ކުރިމަގު އުޖާލާ ކުރާނެ ފިކުރު ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

ގއ.ވޮޑަމުލާ މައްސަލައިގައި ޔާމިންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޖަލު ޙުކުމަށް ހައިކޯޓުން ތާއީދުކުރި ނަމަވެސް ސްޕްރީމް ކޯޓުން އިއްޔެ ވަނީ އެ ޙުކުމް ބާޠިލުކޮށްފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ޔާމީން ރާއްޖެ އިން ބޭރަށް ފުރުން މަނާކޮށްފަ އެވެ.