Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ހައްގު ޝަރީއަތެއްކޮށްގެން އަޅުގަނޑުގެ ގައިގައި އަތްނުލެވޭނެ: ޔާމީން

ހައްގު ޝަރީއަތެއްކޮށްގެން އެމަނިކުފާނުގެ ގައިގައި އަތްލެވޭނެ ޖާގައެއް ނޯންނާނެ ކަމަށް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މިރޭ ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ދައުލަތުގެ ފައިސާ އިން ވައްކަންކޮށްގެން، ދައުލަތުގެ ފައިސާގައި ޖެހިގެން ހައްގު ޝަރީއަތެއްކޮށްފިނަމަ އެމަނިކުފާނުގެ ގައިގައި އަތްލެވޭނެ ޖާގައެއް ނޯންނާނެ ކަމަށެވެ.

މިއަދު ރައްޔިތުންގެ ހިތަށް އެންމެ އުދާސްކުރާ ކަމަކީ އަދުލުގެ ދާއިރާ އަދުލުވެރިކަމާއެކު އޮންނާނެ ކަމާމެދު ކަމަށާއި އެގޮތުން ސިޔާސީ މީހަކު ކަމެއްކޮށްފިނަމަ ތީރުތައް ހާހުން މެޔާއި ދިމާލަށް އަންނައިރު އަދުލުގެ ދާއިރާ އިން ކަމެއް ގޯސްކޮށްދާނަމަ އެކަމާމެދު ބަހެއް ބުނާ މަންޒަރު ނުފެންނަ ކަމަށް ޔާމީން ވިދާޅުވި އެވެ.

"މިހާރުވެސް ތިން ފަނޑިޔާރުންގެ އޯޑިއޯ ލީކުވެގެން އުޅޭ މައްސަލަ އެ އުޅެނީ. އެތަނުން އެއް ފަނޑިޔާރެއްގެ އޯޑިއޯ އަކީ ސައްހަ އޯޑިއޯއެއް ކަމަށް ގަބޫލުކޮށް އެއް ފަނޑިޔާރަކު ވަނީ ސަސްޕެންޑްކޮށްފައި. އެހާ ހިސާބުން ފަނޑިޔާރުންގެ ތެރޭގައި ކަންތައްތަކެއް ހިނގައިފިކަން ގަބޫލުކުރެވޭ. އެއްވެސް ގޮތަކަށް މީހަކާ ދޭތެރޭ އަދުލުވެރިކަމާ އެކީ ހުކުމެއް ކުރަން ބެންޗުގައި ތިބޭ މީހުންގެ ތެރެއިން އެންމެ މީހެއްގެ އަދުލުވެރިކަން ގެއްލިއްޖެ ކަމަށް ސާބިތުވި ނަމަވެސް އެ އުފެދެނީ ސުވާލު" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވަނީ މިއަދާއި ހަމައަށް އައިއިރު ވެސް އެ އޯޑިއޯތަކުގެ ސައްހަކަން ކަށަވަރު ކުރެވިފައި ނުވާ ކަމަށާއި އެއީ ގާނޫނީ ޝަރުއީ ނިޒާމުގެ ބަޔަކަށް ނުވަނީތޯ ސުވާލުކުރައްވާފަ އެވެ. އަދި ގާނޫނީ ޝަރުއީ ނިޒާމުގެ ކަމަކަށް ހަމައެކަނި ވަނީ ކޯޓު ރޫމެއްގެ ތެރޭގައި މީހެއްގެ މައްޗަށް ފަސް އަހަރުގެ ހުކުމެއް ކުރުންތޯ ވެސް ޔާމީން ސުވާލުކުރެއްވި އެވެ.

މީގެއިތުރުން ރާއްޖޭގައި އަދިވެސް އެންމެ ކޮރުކޮށް އޮތީ އަދުލުގެ ނިޒާމު ކަމަށާއި މިކަމާ ގުޅޭގޮތުން ވާހަކަތަކެއް ދެއްކުމުން ޖަލަށް ގެންދިއަޔަސް މައްސަލައެއް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އަދުލުގެ ނިޒާމު އިންސާފުވެރި ނުވާނަމަ ރާއްޖެ އަށް ދިރުމެއް އަދި ކުރިއެރުމެއް ނެތް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.