Last Updated: April 23, 17:29
Tuesday, April 23, 2024
ޚަބަރު

އަދުލުގެ ނިޒާމަށް މަހުޖަނުން އަތްބޭނުން "އޯކޭ" އެއް ނޫން: ޔާމީން

އަދުލުގެ ނިޒާމުގެ ތެރެއަށް މަހުޖަނުން އަތްބޭނުން އޯކޭއެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މިރޭ ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ އަބަދުވެސް އަންނަ ޝަކުވާ އަކީ ރައީސްކަން ކުރާ މީހަކު ނުވަތަ ވެރިކަމުގެ ފަރާތުން އަދުލުގެ ތެރެއަށް އަތްބާނާ ކަމުގެ ޝަކުވާ ކަމަށާއި އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ނަމަވެސް އެ ނިޒާމުގެ ތެރެއަށް ރާއްޖޭގައި ތިބި މުއްސަނދި މަހުޖަނުންނާއި އެހެން ގޮތްގޮތުން އަތްބާނާ މީހުން އަތްބޭނުން ވަރިހަމަތޯ ޔާމީން ސުވާލުކުރެއްވި އެވެ.

"ނޫން، މިއިން ކޮންމެ ކަމެއް އޯކޭއެއް ނޫން" ޔާމީން ވިދާޅުވި އެވެ.

އަދުލުގެ ނިޒާމަކީ އަދުލުވެރިކަމާއެކު، އިންސާފުވެރިކަމާއެކު ގާނޫނު ދަމަހައްޓައި ޝަރީއަތް ހިންގުން ކަމަށާއި އެކަމަށް އައިސްފައިވާ "ކޮރުކަން" ފިލަންދެން އަދުލުގެ ނިޒާމާއި މެދު މިހާރު އޮތް ތުހުމަތު އޮންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

އަދުލުގެ ނިޒާމު ރަނގަޅުވާ ކަމަށް ގަބޫލުކުރާނަމަ ކްރިމިނަލް ކޯޓުގައި އެމަނިކުފާނަށް ހުކުމް އިއްވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރުންގެ އޯޑިއޯއާ ދޭތެރޭ ތަންފީޒީ އިދާރާތަކުން އެއްޗެއް ބުނަންޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.

"މި ލަސްވި ލަސްވުމަކީ އެކަމާމެދު ސުވާލު އުފެދޭ ކަމެއް. މި ލަސްވި ލަސްވުމަކީ އެކަމާ ދޭތެރޭ ޝައްކު އުފެދޭ ކަމެއް. އެހެންވީމަ ޝަރީއަތުގައި ކަންކަން ނިންމާ ގޮތަށް، ޝައްކެއް ނެތް މިންވަރަށް މިކަން ރައްޔިތުންނަށް އިނގެން އެބަޖެހޭ. މިހާރު މިއޮތީ މިކަން ޝައްކުގެ ތެރޭގައި" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މި ތުހުމަތުތަކަށް ފަނޑިޔާރުންގެ ޖަމިއްޔާ އިން ވެސް ޖަވާބެއް ދީފައި ނުވާ ކަމަށާއި މިއީ އެ ފަނޑިޔާރުންގެ އޯޑިއޯ ނޫން ކަމަށްވާނަމަ އެ ފަނޑިޔާރުންގެ ދިފާއުގައި އެ ޖަމިއްޔާއިން ޖަވާބު ދޭންޖެހޭ ކަމަށެވެ. އަދި އަދުލުގެ ނިޒާމު ތާހިރު ކުރެވޭނީ މި ސުވާލުތަކަށް ޖަވާބު ލިބިގެން ކަމަށާއި ހުރިހާ ނުފޫޒަކުން އަދުލުގެ ނިޒާމު ސަލާމަތް ކުރަންޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.