Last Updated: April 25, 06:02
Thursday, April 25, 2024
ދުނިޔެ

ކޮވިޑްގެ އާ ވޭރިއަންޓް 24 ގައުމަކުން ފެނިއްޖެ

ކޮވިޑް-19 ގެ އާ ވޭރިއަންޓް ކަމަށްވާ "އޮމިކްރޯން" މިހާތަނަށް 24 ގައުމަކުން ފެނިފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

ކޮވިޑްގެ އާ ވޭރިއަންޓް އެންމެފަހުން ފެނިފައިވާ ގައުމަކީ އެމެރިކާ އެވެ. އެގައުމުން މި ވޭރިއަންޓް ފެނިފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ދެކުނު އެފްރިކާ އިން އެނބުރި އެމެރިކާ އަށް އައި މީހެއްގެ ފަރާތުންނެވެ.

މި ވޭރިއަންޓް އެންމެ ފުރަތަމަ ފެނިފައިވަނީ އެފްރިކާގެ ބައެއް ގައުމުތަކުންނެވެ. ނަމަވެސް މި ވޭރިއަންޓް މިހާރު އަންނަނީ ޔޫރަޕްގެ ބައެއް ގައުމުތަކާއި އޭޝިއާގެ ބައެއް ގައުމުތަކުން ވެސް ފެންނަމުންނެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑަބްލިއުއެޗްއޯގެ ކޮވިޑް ގުޅޭ ޓެކްނިކަލް އިސްވެރިޔާ މާރިއާ ވަން ކަރްޚޯވް ވިދާޅުވީ މި ވޭރިއަންޓް ފެތުރޭ ބާރުމިނާއި އަދި މި ވޭރިއަންޓަކީ ކިހާ ނުރައްކާތެރި އެއްޗެއްކަން ސައިންޓިސްޓުންނަށް ވަރަށް އަވަހަށް އެނގިގެންދާނެ ކަމަށެވެ.

މިހާތަނަށް ހޯދުނު ހޯދުންތަކަށް ބަލާއިރު މި ވޭރިއަންޓް ފެނުނު މީހުންގެ ފަރާތުން ފެންނަނީ އާދައިގެ ހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިި ވޭރިއަންޓާއި ދެކޮޅަށް ވެކްސިން މަސައްކަތް ނުކުރާނެ ކަމުގެ އެއްވެސް ނިޝާނެއް މިހާތަނަށް ފެނިފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އާ ވޭރިއަންޓާއި ގުޅިގެން ޑަބްލިއުއެޗްއޯ އިން ވަނީ މިއީ ކަންބޮޑުވުން އޮތް ވޭރިއަންޓެއް ކަމަށް ކަނޑައަޅާފަ އެވެ. އާ ވޭރިއަންޓާއެކު އެފްރިކާގެ ބައެއް ގައުމުތަކުން މީހުން އައުން ގައުމުތަކުން މިހާރު އަންނަނީ ވަގުތީ ގޮތުން މަނާކުރަމުންނެވެ.