ކޮވިޑް-19 ގެ އާ ވޭރިއަންޓް ކަމަށްވާ "އޮމިކްރޯން" ގެ ދެ ކޭސް އިންޑިއާ އިން ފެނިއްޖެ އެވެ.
އިންޑިއާގެ ޔޫނިއަން ހެލްތު މިނިސްޓްރީން ބުނީ މި ދެ ކޭސް ވެސް ފެނިފައިވަނީ ކަރްނާޓަކާ ސްޓޭޓުން ކަމަށެވެ. އެއީ 66 އަހަރާއި 46 އަހަރުގެ ދެ ފިރިހެނުންނެވެ.
އެ ދެ މީހުންނާއި ގުޅޭ ހުރިހާ ޕްރައިމަރީ އަދި ސެކެންޑްރީ ކޮންޓެކްޓުން ހޯދައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ކޮވިޑްގެ އާ ވޭރިއަންޓް މިހާތަނަށް ވަނީ 20 އަށް ވުރެ ގިނަ ގައުމަކުން ފެނިފަ އެވެ. މި ވޭރިއަންޓް އެންމެ ފުރަތަމަ ފެނިފައިވަނީ އެފްރިކާގެ ބައެއް ގައުމުތަކުންނެވެ. ނަމަވެސް މި ވޭރިއަންޓް މިހާރު އަންނަނީ ޔޫރަޕްގެ ބައެއް ގައުމުތަކާއި އޭޝިއާގެ ބައެއް ގައުމުތަކުން ވެސް ފެންނަމުންނެވެ.
އާ ވޭރިއަންޓާއި ގުޅިގެން ޑަބްލިއުއެޗްއޯ އިން ވަނީ މިއީ ކަންބޮޑުވުން އޮތް ވޭރިއަންޓެއް ކަމަށް ކަނޑައަޅާފަ އެވެ. އާ ވޭރިއަންޓާއެކު އެފްރިކާގެ ބައެއް ގައުމުތަކުން މީހުން އައުން ގައުމުތަކުން މިހާރު އަންނަނީ ވަގުތީ ގޮތުން މަނާކުރަމުންނެވެ.