Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

މަހުމޫދުގެ ހަށިގަނޑުގެ 30 ތަނަކަށް ހަމަލާދިން، މަރާލިކަމަށް ސާލިމް އެއްބަސް

މަހުމޫދު އަބޫބަކުރު

އަނިޔާވެރިކޮށް މަރާލާފައި އޮއްވައި އދ. ދަނގެތީގެ ފަޅު ގެއެއްގައި ހުރި ވަޅެއްގެ ތެރެއިން ފެނުނު މަހުމޫދު އަބޫބަކުރުގެ ހަށިގަނޑުގެ 30 ތަނަކަށް ވަޅިން ހަމަލާދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުގެ ރޭގެ 9:05 ހާއިރު މަހުމޫދު މަރާލި ކަމަށް ތުހުމަތު ކުރެވޭ ބަންގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) މަހުމޫދުގެ ފޯނަށް ގުޅައި ބައްދަލުކުރަން ދިޔަ ކަމަށެވެ.

އެގޮތުން އެ ދެ މީހުން އެކީގައި އދ.ދަނގެތީ، ނެދުންގެ އަށް ވަންނަ މަންޒަރު ފެންނަން އެބަހުރި ކަމަށާއި، މަހުމޫދު މަރާލުމަށްފަހު އެގޭގައި ގާތްގަނޑަކަށް ފަސް ގަޑިއިރު ވަންދެން ބޭއްވި ކަމަށް ފުލުހުން ބުނެ އެވެ. އަދި އެރޭގެ ދަންވަރުގެ ވަގުތެއްގައި މީހަކު ކޮނޑުމައްޗަށް ލައިގެންދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް ފެންނަން އެބަހުރި ކަމަށާއި މިކަމުގައި ބައިވެރިވެފައިވަނީ ސާލިމް އެކަނި ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިކަން ކުރި ކަމަށް ސާލިމް އިއުތިރާފް ވެފައިވަނީ ހަމައެކަނި ފުލުހުންގެ ތަހުގީގުގައި ނޫން ކަމަށާއި އޭގެ އިތުރަށް މުއްދަތު ޖަހަން ކޯޓަށް ގެންދިޔުމުން ވެސް އިއުތިރާފް ބަޔާނެއް ސާލިމް ކޯޓަށް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

"ގޭގެ ތެރޭގައި ވަޅުލާފައި ހުރި ތަކެތި ހޯދި ހިސާބުން ފެށިގެން ޝހު އާލޮމް މިއާ އޭނާ ކުރި ކުށަށް އިއުތިރާފް ވެފައިވާކަން ފާހަގަކުރަން" ފުލުހުން ބުނެއެވެ.

މަހުމޫދު މަރާލުމުގައި ދެ ތިން ތޫނު ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށާއި މަހުމޫދުގެ ހަށިގަނޑު އެކި ތަންތަނަށް އެކި މިންވަރުގެ 30 އަށް ވުރެ ގިނަ ހަމަލާ ދީފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ. އޭގެތެރެއިން ވެސް މަހުމޫދުގެ ބޮލުން މައިގަނޑު ތިން އަނިޔާއެއް ފާހަގަކުރެވޭ ކަމަށް ފުލުހުން ބުނެއެވެ.

މީގެއިތުރުން ސާލިމް މިކަން ކޮށްފައިވަނީ ފައިސާގެ ބޭނުމަށް ކަމަށާއި މި ކުށުގެ އިތުރުން އެ ރަށުގައި ހިނގި ވައްކަމެއްގައި ވެސް އޭނާގެ ބައިވެރިވުން އޮތްކަން މިހާރު ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މަހްމޫދު މަރާލި އިރު އޭނާ އަތުގައި ހުރި ކަމަށް ބެލެވޭ ދިހަ ވަރަކަށް ހާސް ރުފިޔާ ސާލިމް އުޅުނު ގޭތެރެއިން ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ. އަދި ސާލިމް އަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ މީހެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.