Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މަހުމޫދުގެ މަރު: އަންނަ ހަފްތާގައި ދައުވާކުރަން ފޮނުވަނީ

ޝާ އަލޮމް މިއާ (ސާލިމް)

އަނިޔާވެރިކޮށް މަރާލާފައި އޮއްވައި އދ. ދަނގެތީގެ ފަޅު ގެއެއްގައި ހުރި ވަޅެއްގެ ތެރެއިން ފެނުނު މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައާ ގުޅިގެން އަންނަ ހަފްތާގައި ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމައިފި އެވެ.

މަހުމޫދު މަރާލި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) އަށެވެ. އޭނާ ވަނީ ތަހުގީގު މަރުހަލާގެ އިތުރުން ކޯޓަށް ގެންދިޔުމުން ވެސް އިއުތިރާފް ބަޔާނެއް ދީފަ އެވެ. އޭނާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ މީހެކެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ސާލިމްގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 110 ވަނަ މާއްދާގެ (ހ) ހިމެނޭ ގޮތަށް ހަ ތުހުމަތަކާއި އަދި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ފަސްވަނަ މާއްދާ އިން ފެށިގެން 9 ވަނަ މާއްދާ އަށް ހުރި ތުހުމަތުތައް ކުރާ ކަމަށެވެ. މި މައްސަލަ ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

"މި މައްސަލައިގެ ތަހުގީގު އެއްކޮށް ފުރިހަމަކޮށްފައި މި ފެށޭ ހަފްތާގެ ތެރޭގައި ޕީޖީ އޮފީހަށް މައްސަލަ ހުށަހެޅޭ ވަރު ވާނެ" ފުލުހުން ބުނެ އެވެ.

މިއަދުގެެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތުތަކެއް ހާމަކޮށްފަ އެވެ.

އެގޮތުން ފުލުހުން ބުނީ މަހުމޫދު މަރާލުމުގައި ދެ ތިން ތޫނު ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށާއި މަހުމޫދުގެ ހަށިގަނޑު އެކި ތަންތަނަށް އެކި މިންވަރުގެ 30 އަށް ވުރެ ގިނަ ހަމަލާ ދީފައިވާ ކަމަށެވެ. އޭގެތެރެއިން ވެސް މަހުމޫދުގެ ބޮލުން މައިގަނޑު ތިން އަނިޔާއެއް ފާހަގަކުރެވޭ ކަމަށް ފުލުހުން ބުނެއެވެ.

މީގެއިތުރުން ސާލިމް މިކަން ކޮށްފައިވަނީ ފައިސާގެ ބޭނުމަށް ކަމަށާއި މި ކުށުގެ އިތުރުން އެ ރަށުގައި ހިނގި ވައްކަމެއްގައި ވެސް އޭނާގެ ބައިވެރިވުން އޮތްކަން މިހާރު ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މަހްމޫދު މަރާލި އިރު އޭނާ އަތުގައި ހުރި ކަމަށް ބެލެވޭ ދިހަ ވަރަކަށް ހާސް ރުފިޔާ ސާލިމް އުޅުނު ގޭތެރެއިން ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.